ދިވެހިރާއްޖޭގެ ބާޒާރުގައި ދައުރުވަމުންދާ މަކިޓާ ބްރޭންޑުގެ ނަކަލު އުފެއްދުންތަކާ މެދު ރައްޔިތުން ސަމާލުވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އިން އިލްތިމާސްކޮށްފިއެވެ.

އެސްޓީއޯއަކީ ދިވެހިރާއްޖޭގައި މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. މިގޮތުން، މަކިޓާ ބްރޭންޑުގެ ފެންވަރު ރަނގަޅު އޮރިޖިނަލް އުފެއްދުންތައް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މަކިޓާ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާ އިރު، ބާޒާރުގައި ނަކަލު (ފޭކް) އުފެއްދުންތައް ދައުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ އަސްލު ނޫން އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަޤީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން، ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ބައްލަވައިގަންނަވާ އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށް ފަހު ނޫނީ ނުގަތުމަށް އެސްޓީއޯއިން ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައިވެއެވެ.

އެސްޓީއޯގެ އައުޓްލެޓްތަކުންނާއި އެސްޓީއޯއިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް މަކިޓާ ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ކަމަށާއި، މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެސްޓީއޯ ސަރވިސް ސެންޓަރުން އާފްޓަރ ސޭލްސް ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ބައްލަވައިގަންނަ މަކިޓާ ބްރޭންޑުގެ އުފެއްދުންތަކަށް އެކަނި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ނޫސް ބަޔާނުގައި އެސްޓީއޯއިން ވަނީ މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އެސްޓީއޯ މަކިޓާ ޝޯރޫމަށް ވަޑައިގެންދެއްވުމަށް އެދިފައެވެ. އަދި މަކިޓާ ބްރޭންޑުގެ އަސްލު އުފެއްދުންތަކާއި ފެންވަރު ރަނގަޅު ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.