ހއ. ހޯރަފުށީގައި ކުރިއަށްދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ސައިޓަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސައުދީ ޒިޔާރަތްކުރައްވައި، އެ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.
މި މަޝްރޫޢަކީ ހއ. ހޯރަފުށީގެ ތިންވަނަ ބެރިއަރ އައިލެންޑްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ތޮށިލުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީއާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާ ދެމެދު ސޮއިކުރެވުނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހުއެވެ.
އަދި މަޝްރޫޢުގެ މަސައްކަތް ފެށުނީ އެ މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 210 މީޓަރުގެ އޮފްޝޯ ޖިއޯބޭގް ރިވެޓްމަންޓެއް، 210 މީޓަރުގެ ރޮކް އޭޕްރަނެއް، އަދި 50 މީޓަރުގެ ގްރޮއިނެއް ހެދުމާއި، 27،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ހިމެނެއެވެ.