ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމާއި އެރަށު ހުރަވީ ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ރޯޑް ޑެވެލޮޕްމަންޓް ކޯޕޮރޭޝަންއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އަދި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ދެ އެއްބަސްވުމުގައިވެސް އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓެޔަޑް) އަލީ ޒުހައިރެވެ.

މި ދެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ހއ. އަތޮޅުގެ އާބާދީގެ ގޮތުން ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ އިހަވަންދޫގައި އެކަށީގެންވާ ވަރުގެ ހޮސްޕިޓަލެއް ނެތުމުން، ހޮސްޕިޓަލެއް އެޅުމަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އެރަށު ފުޓުބޯޅަ ދަނޑުގެ މަޝްރޫޢަކީވެސް މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދާ މަސައްކަތެކެވެ. މި ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް މިއަހަރުތެރޭގައި ކުރިޔަށްދާނެކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ހއ. އަތޮޅު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އޭގެތެރޭގައި ފުޓްބޯޅަ، ފުޓްސެލް، ހޭންޑްބޯޅަ ދަނޑުތަކާއި ވޮލީބޯޅަ ކޯޓާއި ރަށްރަށުގެ ރެކްރިއޭޝަން ސެންޓަރުތައް ހިމެނެއެވެ.