ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ހއ. އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި، އެކި ރަށްތަކަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކުން މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައިދެއްވައި، ނިމިފައިވާ ބައެއް ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމުކުރުމަށް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާ ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުތަކުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އަރިހުގައި އެކިއެކި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.