ރަނގަޅު ސިއްހަތެއްގައި ހެދިބޮޑުވުމަށް އިންސާނުން ކާނާ ބޭނުންވާ ފަދައިން ގަހަށް ވެސް ކާނާ ބޭނުންވެއެވެ. ގަހަށް ބޭނުންވާ ކާނާ ބެހިގެން ދަނީ ދެ ބަޔަކަށެވެ، އެއީ މެކްރޯ ނިއުޓްރިއެންޓްސް (ގިނަ އަދަދަކަށް ގަހަށް ބޭނުންވާ މާއްްދާތައް) އަދި މައިކްރޯ ނިއުޓްރިއެންޓްސް (މަދު މިންވަރަކަށް ގަހަށް ބޭނުންވާ މާއްދާތައް) އެވެ. މިއިން ކޮންމެ މާއްދާ އަކީވެސް ގަހުގެ ހެދިބޮޑުވުމަށް ނުހަނު މުހިއްމު މާއްދާ ތަކެކެވެ، ގަހަށް އެކި އުމުރު ފުރާ ތަކުގައި އެކި މާއްދާ ބޭނުންވަނީ އެކި މިންވަރަށެވެ.
މެކްރޯ ނިއުޓްރިއެންޓްސް
މެކްރޯ ނިއުޓްރިއެންޓްސް އަކީ ގަހުގެ ހެދިބޮޑުވުމަށް ބޭނުންވާ މާއްދާ ތަކުގެ ތެރެއިން ގިނަ އަދަދަކަށް ބޭނުންވާ މާއްދާތަކެވެ. މެކްރޯ ނިއުޓްރިއެންޓްސްގެ ތެރޭގައި ހިމެނެނީ ނައިޓްރޮޖެން، ފޮސްފަރަސް އަދި ޕޮޓޭސިއަމް އެވެ، އަދި ސެކަންޑްރީ މެކްރޯ ނިއުޓްރިއެންޓްސް އަކީ ކެލްސިއަމް، މެގްނީސިއަމް އަދި ސަލްފަރ އެވެ.1. ނައިޓްރޮޖަން (N): ނައިޓްރޮޖަން އަކީ ގަހުގެ ހެދި ބޮޑުވާ އުމުރުގައި އެންމެ މުހިންމު އެއް މާއްދާއެވެ. ފަތްތައް ފެހިކޮށްދީ ބޮޑޮކޮށްދީ އަދި އައު ކުރި ފެޅުމާއި ގަސް ވަރުގަދަ ކޮށްދޭ މާއްދާ އަކީ ނައިޓްރޮޖެން އެވެ. ގަހަށް ބޭނުންވާ މިންވަރަށް މި މާއްދާ ނުލިބޭ ނަމަ ފެންނަ އަލާމާތް ތަކުގެ ތެރޭގައި ދުވަސްވީ ފަތްތަކުގެ ފެހިކަން ކެނޑި ރީނދޫ ކުލައަށް ބަދަލުވުން ހިމެނެއެވެ.
2. ފޮސްފަރަސް (P): ފޮސްފަރަސް އަކީ މޫތައް ވަރުގަދަ ކޮށްދިނުމާއި މާ އެޅުން އިތުރު ކޮށްދޭ މާއްދާއެކެވެ. މުޑުވަށް ކުރާ ގަސްތަކުގެ މޫތަކުގެ ހެދިބޮޑުވުމަށާއި ވަރުގަދަ ކުރުމަށާއި، މާ އަޅާ އުމުރުގައި މާ އެޅުން އިތުރުކުރުމަށް ވެސް މި މާއްދާ ވަރަށް މުހިންމު ދައުރެއް އަދާކުރެެއެވެ. ގަހަށް ބޭނުންވާ މިންވަރަށް މި މާއްދާ ނުލިބޭ ނަމަ ފެންނަ އަލާމާތް ތަކުގެ ތެރޭގައި ގަހުގެ ހެދިބޮޑުވުން ހުއްޓި ގަހުގެ ފަތްތަކަށް ދަނބު ކުލަ އެރުމާއި، މާއެޅުން މަދުވުން އަދި މާ ނޭޅުންވެސް ހިމެނެއެވެ.
3. ޕޮޓޭސިއަމް (K): ޕޮޓޭސިއަމް އަކީ ގަހުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ ގަހުގެ ތެރޭގައި ފެންހުންނަ މިންވަރު ހިފަހެއްޓުމަށް އެހީވެދޭ މުހިއްމު މާއްދާ އެކެވެ. މާ އަޅާ މޭވާ ހަރުވާ އުމުރުގައި ގިނަ އަދަދަކަށް ބޭނުންވާ މި މާއްދާ އަކީ މާ ހަރުކޮށްދީ، މޭވާ ބޮޑުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރާ މާއްދާ އެކެވެ.ގަހަށް ބޭނުންވާ މިންވަރަށް މި މާއްދާ ނުލިބޭ ނަމަ ފެންނަ އަލާމާތް ތަކުގެ ތެރޭގައި މާތައް ވަނދަށް ފޭބުމާ ހަރު ފަތް ތަކުގެ ކޮޅުން ފެށިގެން މުށި ކުލަ ނުވަތަ ރީނދޫ ކުލަ އެރުން ފަދަ ކަންކަން ހިމެނެއެވެ.
4. ކެލްސިއަމް (Ca): ކެލްސިއަމް އަކީ ސެލްތަކުގެ ބޭރު ފާރު ވަރުގަދަ ކޮށްދީ މޫތަށް ވަރުގަދަކޮށް ހެދި ބޮޑުވުމުގައި މުހިއްމު ދައުރެއް އަދާ ކުރާ މާއްދާ އެކެވެ. ގަހަށް ބޭނުންވާ މިންވަރަށް މި މާއްދާ ނުލިބޭ ނަމަ ފެންނަ އަލާމާތް ތަކުގެ ތެރޭގައި ތަރުކާރީ އާއި މޭވާގެ ފޫ މުށިވެ ހަލާކުވުމާއި، އަލަށް ފަޅާ ކުރިތައް އައިބުވުމާއި ހަލާކުވުމާއި، ލެޓިއުސް ކެބެޖް ފަދަ ފެހި ފަތުގެ ބާވަތްތަކުގެ ފަތްތަކުގެ ކޮޅު މުށިވެ މަރުވުން ހިމެނެއެވެ.
5. ސަލްފަރ (S) :ސަލްފަރ އަކީ ފޮޓޯސިންތެސިސް އަށް ބޭނުންވާ ކުލޮރޮފީލް އުފަށްދަދިނުމާއި، ގަހުގެ ހެދިބޮޑުވުމަށް ބޭނުންވާ ޕްރޮޓީން އުފައްދަދިނުމާއި ގަހުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ގަހަށް ބޭނުންވާ މިންވަރަށް މި މާއްދާ ނުލިބޭ ނަމަ ފެންނަ އަލާމާތް ތަކުގެ ތެރޭގައި ފަތްތައް ރީނދޫ ވުމާއި ގަހުގެ ހެދިބޮޑުވުން ހުއްޓުން ހިމެނެއެވެ، އަދި މާއަޅާ މިންވަރާއި މާ ހަރުވާ މިންވަރު ދަށްވެދެއެވެ.މައިކްރޯ ނިއުޓްރިއެންޓްސް
މައިކްރޯ ނިއުޓްރިއެންޓްސް އަކީ މަދު މިންވަރަކަށް ގަހަށް ބޭނުންވާ އެހެނަސް ދުޅަހެޔޮކޮށް ހެދިބޮޑުވުމުގައި މުހިއްމު ދައުރެއް އަދާ ކުރާ މާއްދާތަކެކެވެ. މީގެ ތެރޭގައި ހިމެނޭނީ؛އަޔަން (Fe)މެންގަނީސް (Mn)ޒިންކް (Zn)ކޮޕާރ (Cu)ބޯރޯން (B)މޮލިބްޑިނަމް (Mo)