ލަވް ބާޑަކީ ޕެރޮޓް އާއިލާގެ އެންމެ ކުޑަ ދޫންޏެވެ. ލަވް ބާރޑުގެ ސައިންޓިފިކް ނަމަކީ އަގަޕޯނިސްއެވެ. މި ދޫނީ އާބާދުވާން ފެށީ އެފްރިކާގެ މަޑަގަސްކަރައިންނެވެ. މިސަރަހައްދުން ހިޖުރަ ކުރާ ލަވްބާޑްތައް ދުނިޔޭގެ އެތަންމިތާގައި ދިރިއުޅެއެވެ. އެގޮތުން ރާއްޖޭގައިވެސް މި ދޫނި ގިނަ އަދަދަކަށް އޮޅުކޮށްގެން ގޭގޭގައި ގެންގުޅެއެވެ. ލަވް ބާޑަކީ ވަރަށް މީހުންނާ އޮޅު، ވަރަށް މަޖާ މިޒާޖެއް ހުންނަ އަދި ކުލަތައް އެހާމެ ރީތީ ބަލާލަން ހިތްގައިމު ދޫންޏެކެވެ.
ހެދިބޮޑުވުމާ އޭގެ ސިފަތައް
އާންމުގޮތެއްގައި ލަވް ބާޑު ބޮޑުވަނީ 5 ނުވަތަ 7 އިންޗިއަށެވެ. އޭގެ ކުލަތަކުގެ ތެރޭގައި ނޫކުލަ، ފެހި ކުލަ، ޕީޗް ކުލަ، ހުދުކުލަ އަދި ރީނދޫކުލައިގެ ލަވް ބާޑުވެސް ހުރެއެވެ. މި ޗާލު ދޫނި ބިސްއަޅަނީ ގަސްގަހުގެ އޮފިތަކުގެ ހޮރުހޮރު ގައެވެ. އަންހެން ލަވްބާޑް ބިސްއަޅާއިރު ގަތްގާނޑަކަށް 4 ނުވަތަ 6 ބިސްއަޅާކަމަށްވެއެވެ. ލަވްބާޑް ބިސްއަޅާނީ އޭގެ އުމުރުން 09 މަހާއި 12 މަހާ ދެމެދުގެ އުމުރުގައެވެ. އާންމުކޮށް ދިރިއުޅުގައި މި ދޫންޏަކީ ވަރަށް ހަލަނި ވަރަށް ހަރަކާތްތެރި ދޫންނެޏެކެވެ. އެހެން ބައެއް ޕެރޮޓް ތަކާ ޚިލާފަށް ލަވް ބާޑަކީ ވާހަކަ ދައްކާ ދޫންޏެއް ނޫނެވެ. ނަމަވެސް އޭގެ ބަދަލުގައި ތުމުންފުމޭ އަޑުލައްވައެވެ. ގޭގެގައި ހަރުކޮށްފައި ހުންނަ ބެލްތަކުގެ އަޑާ ވައްތަރު އަޑުތައްވެސް ލައްވައެވެ.
ލަވްބާޑު އޮޅުކުރުމާއި ކެއިންބުއިމުގެ އާދަތައް
ލަވްބާޑެއް އޮޅުކޮށް އެ ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. ޙާއްސަކޮށް ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މީ ވަރަށް ލޯބިން ވަރަށް ގާތުން ބަލަންޖެހޭ ދޫންޏެކެވެ. ބޭބީ ލަވްބާޑަށް ކާން ދިނުމުގައި އެންމެ ރަގަޅުގޮތަކީ ކުޑަ ކުޑަ ސިރިންޖެއްބޭނުން ކޮށްގެން އެޔަށް ކާންދިނުމެވެ. މިގޮތަށް ނެސްޓަމް ފަދަތަކެތި އޮލަކޮށް ކާންދެވިދާނެއެވެ. ކޮންމެ 03 ގަޑިއިރުން އެޔަށް ކާންދޭންޖެހެއެވެ. މިދޫނީގައި ފިޔަ ފަޅާ ރަގަޅަށް ހެދި ބޮޑުވަނީ 03 މާހާއި 06 މަހުގައެވެ. ލަވް ބާޑު ގެންގުޅޭ ކޮށީގައި އަބަދުވެސް ފެންލިބޭ ގޮތަށް ބަހައްޓަން ވާނެއެވެ. ލަވް ބާޑު ނިދުމަށް ކޮށްޓަށް ލުމަކީ ނުވަތަ ވަކިން ގެންގުޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ސަބަބަކީ އެދޫންޏަށް އެހެން ދިރޭ ތަކެތީގެ ފަރާތުން ލިބޭ އުދަގޫތަކުން ރައްކާތެރިކަން ލިބޭނީ އޭރުންނެވެ. އާންމުކޮށް ލަވްބާޑު ކައި އުޅެނީ އާފަލު، އޮރެންޖު، މޭބިސްކަދުރު، އަނބު، ޕްލަމްސް ، ޒުވާރީ ، ބީންސް އަދި ޕާސްތާ ފަދަ ތަކެއްޗެވެ. އަދި އުމުރުން ބޮޑުވާ ވަރަކަށް އެކި ވައްތަރުގެ ނަޓްސް އަދި ސީޑްސްވެސް މި ތަކެއްޗަށް ކެވޭނެއެވެ.
އުމުރު އަދި އާންމު ދިރިއުޅުން
އެވެރެޖްކޮށް ލަވްބާޑެއް 10 ނުވަތ 12 އަހަރު ވަންދެން ދުނިޔޭގައި އުޅެއެވެ. ޖަންގަލިތަކުގައި އެކަނި އުޅޭނަމަ އުމުރު ހުންނާނީ މިހާވަރަށެވެ. ނަމަވެސް ގޭގައި އޮޅުކޮށްގެން ރަގަޅަށް ބަލަހައްޓާނަމަ 10 އަހަރާއި 20 އަހަރު ވަންދެން ލަވްބާޑު ދިރިއުޅެއެވެ. ލަވްބާޑަކީ މީހުންނާ ގުޅޭ ވަރަށް ސަކަމިޒާޖެއް ހުންނަ ވަރަށް ލޯބި ދޫންޏެކެވެ. ލަވްބާޑު ވަކި ވަރަކަށް އޮޅުކުރުމުން އެ އޮޅުކޮށްގެން ގެންގުޅޭ މީހާ ތުމުންފުމެލުމުން އުދުހިފައި އޮޅުކޮށްގެން ގެންގުޅޭ މީހާ ގާތައް އާދެއެވެ. އާންމު ދިރިއުޅުމުގައި ބައެއް ފަހަރު އެކި ތަފާތު ކުޅޭ އެއްޗިއްހި ބޭނުން ކުރުމަކީ އޭގެ ސިފައެކެވެ. އެގޮތުން ކާޑުބޯޑު ފޮށިގަނޑު، ލެދާ، ހަރުގަނޑު އަދި ޕޭޕާ ކަޕަކީ ލަވްބާޑު ޓޯއީސްގެ ގޮތުގައި ކުޅެން ބޭނުންކުރާ ބައެއް ސާމާނެވެ. މިތަކެތީގައި ތުމުން ކޮށްޓާ އަދި ނިޔަފަތި ބޭނުންކޮށްގެން ކުޅެ ހަދައެވެ.
ލަވްބާޑަށް ލަވްބާޑު މިނަން ދެވިފައިވަނީ މިދޫނީގެ ޖޯޑު އުޅޭލެއް ގާތް ކަމާ ލޯބި ކަމުގެ ސަބަބުންނެވެ. މި ދޫންޏަކީ ދިވެހިންގެ މެދުގައި މަޤްބޫލް ދޫންޏެކެވެ. އަދި ނިކަން ކުޑަކުދިންނާ ވެސް ގުޅޭ އަދި ކުދިންނަށް އެހާމެ ކަމުދާ ވަރަށް ރީތީ ދޫންޏެވެ. މީގެ ޖޯޑެއް ކައިރި ކައިރީގައި ތިބޭމަންޒަރު ނުވަތަ އަންހެން އަދި ފިރިހެން ލަވްބާޑު އެކިގޮތް ގޮތަށް އުދުހިލާތަން ފެންނަ މަންޒަރަކީ ބަލާލަން ވަރަށް ހިތްގައިމު މަންޒަރެކެވެ. މި ދޫނި ގެންގުޅޭއިރު މިޔަށް އަޅާލުމާ ލޯބީ ދިނުމަކީ ވަރަށް މުހިއްމުކެވެ.