ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި ކުންފުނީގެ އިސް ވެރިންގެ ވަފުދެއް 30 ޖެނުއަރީ 2025 ވަނަ ދުވަހު ކ. ގުޅި އަދި ކ. މާފުއްޓަށް ޒިޔާރަތްކުރައްވައިފިއެވެ. މި ދަތުރުގެ މަޤްޞަދަކީ އެ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ގާތުން ބެއްލެވުމާއި، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވުމެވެ. އަދި މި ކަންކަމަށް ގެނެވިދާނެ ހައްލުތަކާ ގުޅޭގޮތުން މުވައްޒަފުންނާ މަޝްވަރާކުރެއްވުމެވެ.މި ދަތުރުގައި ސްޓެލްކޯގެ ވަފުދުން ވަނީ ގުޅީ އިންޖީނުގެ އާއި ފެން ޕްލާންޓް ބައްލަވާލައްވާފައެވެ. އަދި މާފުށީގެ މިހާރުގެ އިންޖީނުގެ އާއި، އަލަށް އިންޖީނުގެ އެޅުމަށް ލިބިފައިވާ ބިން ބައްލަވާލެއްވުމަށް މާފުށީ ކައުންސިލްގެ ބޭފުޅުންނާއެކު ވަޑައިގެންފައިވެއެވެ.ސްޓެލްކޯގެ އިސްވެރިންގެ މި ދަތުރަކީ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. އަދި މި ދަތުރުގެ ސަބަބުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރެވެއެވެ.