އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޖަމްޝީދު އާއި ކުންފުނީގެ އިސްވެރިންގެ ވަފުދެއް މިއަދު ބ. ހިތާދޫއަށް ޒިޔާރަތްކޮށް، އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ މިންވަރު ބައްލަވާލައްވައިފިއެވެ.
މި ދަތުރުގައި ޑެޕިއުޓީ އެމްޑީ އާއި އެކުގައިވާ ވަފުދުން ވަނީ ހިތާދޫ ބަނދަރުގެ ބްރޭކްވޯޓަރ އަދި ކީވޯލް އެޅުމުގެ މަސައްކަތުގެ އިތުރުން، ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ.
މި ޒިޔާރަތުގައި އެމްޓީސީސީގެ އިސްވެރިން ވަނީ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދާ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަސައްކަތް ކުރިއަށްދާ ގޮތާއި ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި މަޝްރޫޢުތަކަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށްވާތީ، އެމްޓީސީސީގެ ވެރިން ދަނީ މި މަސައްކަތްތައް އަވަސް މިނެއްގައި ނިންމުމަށްޓަކައި ގާތުން މޮނިޓަރކުރަމުންނެވެ.
އެމްޓީސީސީން މި މަޝްރޫޢުތައް ކުރިއަށްގެންދަނީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކަށް ރިޢާޔަތްކޮށް، އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްތައް ނިންމުމަށް އިސްކަންދީގެންނެވެ.