އަހަރެމެންނަށް ދިމާވާ މުސީބާތްތަކުގައި އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުން ކަމުގައި މިއަދު މިސްކިތްތަކުގައި އިއްވި ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުތުބާގައި ވާހަކަ ދައްކާފައިވަނީ " ޤަޟާ ޤަދަރަށް އީމާންވުން '' މި މައުޟޫޢަށެވެ.

މީގެއިތުރުން ހުތުބާގައި ވިދާޅުވެފައިވަނީ ޤަޟާޤަދަރަށް އީމާންވުމުގައި ހަތަރު ކަންތައް ހިމެނޭ ކަމަށެވެ. އޭގެ ފުރަތަމަ ކަމަކީ މާތްﷲ އަކީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ފަރާތްކަމަށް އީމާންވުން ކަމަށާއެި މަޚްލޫޤުން ހެއްދެވުމުގެ ކުރިން އެކަލާނގެ ޢަޒަލީ ޢިލްމުފުޅުގައި އުޑުތަކާއި ބިމުގައި ހިނގާފައިވާ، ހިނގަމުންދާ އަދި ކުރިއަށް އޮތްތަނުގައި ހިނގާނެ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ. އަދި އެއްގަމާއި ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވާ ކަމަށާއި އެކަލާނގެ އިޒުނަފުޅާ ނުލައި ގަހެއްގެ ފަތެއްވެސް ނުވެއްޓޭ ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ،

ޤަޟާ ޤަދަރަށް އީމާންވުމުގައި ދެވަނައަށް އީމާންވާންޖެހޭ ކަމަކީ، މާތްﷲ އެންމެހައި ކަންތައްތައް ލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައިވާކަމަށް އީމާންވުމެވެ. މިކަން ޤުރުއާނުގައި ބަޔާންވެގެންވާ ގޮތުގައި، އެއްވެސް ކަމެއް ވުޖޫދަށް އައުމުގެ ކުރިން އެކަމެއް ލިޔެވިގެންވާކަން އެނގެއެވެ. އެއީ ބިމުގައި ވިޔަސް ނުވަތަ އިންސާނުންގެ ނަފްސުތަކުގައި ވިޔަސް މެއެވެ. މިއީ ﷲ އަށް ވަރަށް ފަސޭހަ ކަމެކެވެ. މާތް ނަބިއްޔާގެ ހަދީސްފުޅުގައި ވާގޮތުން، އުޑުތަކާއި ބިން ހެއްދެވުމުގެ ފަންސާސްހާސް އަހަރުގެ ކުރިން، މާތްﷲ ވަނީ މަހުލޫގުންގެ މިންވަރުތައް ލިޔުއްވާފައެވެ. މިއީ އުޑުތަކާއި ބިން ހެއްދެވުމުގެ މާކުރީގައި ކަނޑައެޅިފައިވާ ކަމަށްވެސް ހުތުބައިގައި ވިދާޅުވިއެވެ.

އަދި ތިންވަނަ ކަމަކީ، ހުރިހާ ކަމެއްވެސް ހިނގަނީ ﷲގެ އިރާދަފުޅާ އެއްގޮތަށްކަމަށް އީމާންވުމެވެ. އެކަލާނގެ އިރާދަފުޅާ ނުލައި އެއްވެސް ކަމެއް ނުހިނގާނެއެވެ. ޤުރުއާނުގައި ބަޔާންވެގެންވާ ގޮތުގައި، އެކަލާނގެ މެނުވީ ގެއްލުމެއް ފިއްލަވާނެ ފަރާތެއް ނުވެއެވެ. އަދި ހެޔޮކަމެއް ދުރުކުރާނެ ފަރާތެއްވެސް ނުވެއެވެ. އެހެނީ އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެއްވެސް ބަޔަކު ކިތަންމެ މަސައްކަތް ކުރިޔަސް، އެކަލާނގެ އިރާދަފުޅާ ނުލައި ގެއްލުމެއް ނުވަތަ މަންފާއެއް ނުދެވޭނެއެވެ.

މީގެއިތުރުން ޤަޟާޤަދަރަށް އީމާންވުމުގައި ހަތަރުވަނަ ވަނައަށް އީމާންވާންޖެހޭ ކަމަކީ މާތްﷲ އަޅުގަނޑުމެން ލައްވާނީ އެކަލާނގެއަށް ފުރިހަމައަށް އީމާންވެ، ސާބިތުކަމާއެކު ތިބޭ އަޅުތަކުންގެ ގޮތުގައެވެ. މާތްﷲ އަށް ބިރުވެތިވުމަށް އަމުރުކުރައްވާފައިވެއެވެ. އަދި އެކަލާނގެ ވަހީބަސްފުޅުގައި ވަނީ، އެކަލާނގެއަށް ތަގުވާވެރިވާ މީހާއަށް ދަތިތަކުން ސަލާމަތްވާނެ މަގު ދައްކަވާނެ ކަމަށާއި. އަދި ހިތަށްވެސް ނާރާފަދަ ގޮތްގޮތުން ރިޒުގު ދެއްވާނެ ކަމަށެވެ. އީމާންތެރި މީހާ ދިރިއުޅެމުންދާނީ ހިތްހަމަޖެހުމާއެކުގއި ކަމަށް ހުތުބައިގައި ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ހުތުބައިގައި ވިދާޅުވީ ފިތުނަވެރިކަމުގެ ސަބަބުން ހާސްނުވުމާއި އުނދަގޫތައް ކުރިމަތިވިޔަސް ބަލިކަށިނުވާންށެވެ. އެހެނީ ހުރިހާކަމެއް ހިނގަމުންދަނީ މާތްﷲގެ އިލްމުފުޅާއި އިރާދަފުޅާ އެއްގޮތަށްކަން އެނގޭތީއެވެ. އެހެންކަމުން ބިރުވެރިކަމާއި ހިތްނުތަނަވަސްކަމާއި މާޔޫސްކަމެއް ނުވާނެއެވެ. އަދި ދިމާވާ ކަންކަމުގައި ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެއެވެ. އަދި މާތްﷲ ވަހީކުރައްވާފައިވަނީ، އެކަލާނގެ ލިޔުއްވާފައިވާ ކަމެއް މެނުވީ އަޅުގަނޑުމެންނަކަށް ނުޖެހޭނެ ކަމަށް ކަމަށްވެސް ހުތުބާއިގައި ވިދާޅުވެެފައިވެއެވެ.