ހުކުރު ދުވަހުގެ ރޭ އެމް.ޑީ.ޕީ އަދި ސިޔާސީ ވާދަވެރިން ބޭއްވި ހިނގާލުމުގައި ފެނިގެން ދިޔައީ ވަރަށް ހިތްހަމަޖެހޭ މަންޒަރެއް ކަމަށް ކުރީގެ ބަންޑާރަނާއިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. ރައްޔިތުންނަށް ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ދެއްވީ ވަރަށް ފުރިހަމަ މެސެޖެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާޒިމާ މި ޚިޔާލުފުޅު ފާޅުކުރެއްވީ އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާގެ މެސެޖްގައި ވިދާޅުވެފައިވަނީ، "މިރޭ ލިބިގެން އެދިޔައީ ވަރަށް ހިތްހަމަޖެހޭ މެސެޖެއް. ސުލްހަވެރި އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ ޤާނޫނީ ޙައްޤުތައް ސިޔާސީ ވާދަވެރިންނަށް ކަށަވަރުކޮށްދިން ކަމަށްޓަކައި، ޑރ މުޙައްމަދު މުޢިއްޒު އަދި މޯލްޑިވްސް ޕޮލިސް އަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން" ކަމަށެވެ.

އިތުރަށް އާޒިމާ ވިދާޅުވެފައިވަނީ ފެނިގެން ދިޔައީ ޑިމޮކްރަސީގެ ރިވެތި މިސާލެއް ކަމަށެވެ. އަދި އެނގިގެންދަނީ ސަރުކާރުން ސުލްހަވެރި އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އިޙްތިރާމްކުރާކަމެވެ.

މި ހިނގާލުން ބޭއްވުނީ މާލޭގެ މައި މަގުތަކުގައި ކަމަށްވާއިރު، ފުލުހުން ވަނީ މި ހަރަކާތް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެފައެވެ. މިކަމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް ކަމުގައި ސިޔާސީ ދާއިރާގެ ގިނަ ފަރާތްތަކުން ދެކެއެވެ.