މިއަދު ހެނދުނު ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބަންގްލަދޭޝް ފިރިހެނަކު މަރުވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި، ހެނދުނު 8:19 ގައެވެ.
ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތަކުގައި މަސައްކަތް ކުރާކަން ދެއްކުމަށް ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްވުމާ ގުޅިގެން އެ މީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ނަމަވެސް، ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 9:00 އާ ހިސާބުގައި އޭނާ ވަނީ ނިޔާވެފައެވެ.
މި މައްސަލަ މިހާރު ވަނީ ފުލުހުންގެ ތަޙްޤީޤަށް ހުށަހެޅިފައެވެ. އެކްސިޑެންޓްވީ ކޮން ބާވަތެއްގެ އުޅަނދަކުން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.