ބ. މާޅޮހުގައި ކުރިއަށްދާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއި ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެ ރަށަށް ޒިޔާރަތްކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު އެމްޓީސީސީއާ ޙަވާލުކުރި ބ. މާޅޮހު ބަނދަރު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ބަނދަރު ސަރަޙައްދު ފުންކުރުމާއި، ކީވޯލް އެޅުމާއި، ބަނދަރު ސަރަޙައްދު ހިއްކުމާއި، ބައްތި ޖެހުމާއި، ބްރޭކްވޯޓަރާއި ރިވެޓްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ފައިނޭންސްކޮށްގެން ކުރިއަށްގެންދާ ބ. މާޅޮހު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ހުރި ފުޓްބޯޅަ ދަނޑު ކޮނުމާއި، ފަސްއެޅުމާއި، ބިންހަރުކުރުމާއި، ކޮންކްރީޓް ގަޓަރު އެޅުމާއި، ޕޭވްމަންޓް އެޅުމުގެ މަސައްކަތް ހިމެނެއެވެ.