ހދ. ހިރިމަރަދޫ ރައްޔިތުން އެދުނުގޮތަށް، އެރަށު ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
މިކަން އިއުލާނު ކުރެއްވީ، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޓްވީޓަކުންނެވެ.
ހިރިމަރަދޫ ކައުންސިލުން މިދިޔަ އަހަރު، ކ.ތުލުސްދޫއަށް އެރަށު ރައްޔިތުން ބަދަލުކޮށްދިނުމަށްވެސް ސަރުކާރުގައި އެދުނެވެ. އަދި ތުލުސްދޫ ކައުންސިލުން ހިރިމަރަދޫ ރައްޔިތުން އެރަށަށް ބަދަލުވުމަށް ފެހި ސިގްނަލްވެސް ދިނެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. 2022 ވަނަ އަހަރު ނެގި ބޯހިމެނުމުގެ ތަފާސް ހިސާބު ދައްކާ ގޮތުން އެ ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ. ހިރިމަރަދޫގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ އަދަދަކީ 584 މީހުން ކަމަށް ވިޔަސް އެ ރަށުގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 260 އެވެ.
އާބާދީ އެއްފަސް ކުރުމަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެމަނިކުފާނުގެ ދައުރުގައި ކުރިއަށް ގެންދިޔަ ކަމެކެވެ. އެކަމަކު ރާއްޖެއަށް 2008 ވަނަ އަހަރު ޑިމޮކްރަސީ ތައާރަފްވުމާއެކު ކުޑަރަަށެއް ބޮޑުރަށެއް ތަފާތު ކުރުމެއްނެތި ތަރައްޤީ ގެންނާނެކަމަށް ކޮންމެ ސަރުކާރަކުން ކަހަލަ ގޮތަކަށް ރައްޔިތުންނަށް ވައުދުވެއެވެ.