ދުނިޔޭގެ ރެކޯޑް ޤާއިމްކުރުމަށް ކުރާ އެންމެ ދިގު "ސިންގަލް އޯޕަން ވޯޓަރ ޑައިވް" ހަރަކާތް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ޝަރަފުވެރިކޮށްދެއްވައިފި އެވެ.

އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކޮށްގެން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެކްރޮސް މޯލްޑިވްސް ޑައިވް ހަރަކާތް ނުވަތަ "ސިންގަލް އޯޕަން ވޯޓަރ ޑައިވް" ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފްތިތާހުކުރުމަށް ހުޅުމާލޭ ދެ ވަނަ ފިޔަވައްސާ ދިމާލުން ބީޗުގައި މިއަދު ބޭއްވި ހަރަކާގައި ވަޒީރު ޝިޔާމް ވިދާޅުވީ، އާ އީޖާދީ ވަސީލަތްތަކާއެކު ކަނޑުގެ ބޭނުން ހިފާތަން ފެންނަމުން އަންނަ ކަމަށާއި އެއީ ސަރުކާރުން އުފާކުރާ ކަމެއް ކަމަށާއި އެ ފަދަ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ދުނިޔޭގެ ރެކޯޑް ގާއިމްކުރަން ބާއްވާ އެކްރޮސް މޯލްޑިވްސް ޑައިވް ހަރަކާތުގެ ދެ އެޓެމްޕްވެސް ކާމިޔާބުވުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތްކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އެ ހަރަކާތް ނިމޭއިރު ފަތުރުވެރިކަމުގެ ގޮތުން ރާއްޖެ ތައާރަފްނުވާ އެތައް ބަޔަކަށް ރާއްޖެ ތައާރަފްވެގެން މާކެޓްވެގެންދާނެ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިނިސްޓްރީން އިސް ނަގައިގެން ރާއްޖޭގެ މަސްވެރިކަން ކުރާ ހުރިހާ އުޅަނދުތަކެއްގައި މަދުވެގެން އެއް ރެސްކިއު ޑައިވަރަކު ތަމްރީނުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިހާތަނަށް 56 ޑައިވަރުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި މި އަހަރު އިތުރު 80 ޑައިވަރުން ތަމްރީނުކުރެވި އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

އެކްރޮސް މޯލްޑިވްސް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްދާއިރު، ފުރަތަމަ ފިޔަވަހި ކުރިއަށްދާނީ މާލޭ ސަރަހައްދުގައި އަންނަ ބުދަ ދުވަހުއެވެ. އެގޮތުން މާލެއިން ހުޅުމާލެއަށް 70 ކިލޯ މީޓަރަށް އެ ފިޔަވަހީގައި ޑައިވްކުރާނެއެވެ. އަދި ދެ ވަނަ ފިޔަވަހި އަންނަ އަހަރު ކުރިއަށްދާއިރު، މުޅި ރާއްޖެ ކަވަރުވާ ގޮތަށް ހއ. ތުރާކުރުން ފެށިގެން އައްޑޫ ސިޓީ އަށް ޖުމްލަ 4،600 ކިލޯ މީޓަރު ޑައިވްކުރާނެއެވެ. އެއީ ދުނިޔޭގެ އެންމެ ދިގު ޑައިވަށްވާނެއެވެ.

https://sarukaaru.gov.mv/articles/6954