އަވަށްޓެރި އިންޑިޔާއިން މި އަހަރަށް އެކުލަވާލި ބަޖެޓުގައި ރާއްޖެއަށް އެއް ބިލިޔަން ދިވެހި ރުފިޔާގެ އެހީ ދިނުމަށް ހިމަނައިފިއެވެ.
ރާއްޖެއަށް އެހީ ދިނުމަށް އިންޑިޔާއިން ނިންމީ "ނެއިބަރހުޑް ފަސްޓް ޕޮލިސީ" ގެ ދަށުންނެވެ. މި ޕޮލިސީގެ ދަށުން ނިމިދިޔަ 2024 ވަނަ އަހަރު ރާއްޖެއަށް ދީފައި ވަނީ 71 މިލިޔަން ރުފިޔާގެ އެހީއެވެ. ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލި މައްސަލައިގައި އޭރު ދެގައުމުގެ ގުޅުން އޮތީ ދުވަހަކު ހީނަރު ނުވާ މިންވަރަށް ގުޅުން ހީނަރުވެފައެވެ. އެކަމަކު މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި މިއަހަރުގެ ކުރީކޮޅު ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު އިންޑިޔާއަށް ކުރެއްވި ރަސްމި ދަތުރުފުޅަށްފަހު ދެގައުމުގެ ގުޅުން އަންނަނީ ރަނގަޅު ވަމުންނެވެ.
އިންޑިޔާއިން "ނެއިބަރހުޑް ފަސްޓް ޕޮލިސީ" ގެ ދަށުން އެހީ ފޯރުކޮށްދެނީ ބޮޑެތި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސްތައް (ހައިޑްރޯއިލެކްޓްރިކް ޕްލާންޓްސް، ޕަވަރ ޓްރާންސްމިޝަން ލައިންސް، ހައުސިންގ، މަގުހެދުން އަދި ބްރިޖްތައް ބިނާކުރުންފަދަ ބޮޑެތި މަސައްކަތްތަކަށެވެ.
"ނެއިބަރހުޑް ފަސްޓް ޕޮލިސީ" ގެ ދަށުން އިންޑިޔާއިން ރާއްޖޭގެ އިތުރުން އަފްގާނިސްތާން، ސީޝެލްސް، ބޫޓާނަށްވެސް އެހީވެއެވެ. އެންމެ ބޮޑު އެހީއެއް އަބަދުވެސް ފޯރުކޮށްދެނީ ބޫޓާނަށެވެ. މިފަހަރު ބޫޓާނަށް ދިނުމަށް ކަނޑައަޅާފައި ވަނީ ގާތްގަނޑަކަށް 4 ބިލިޔަނެއްހައި ދިވެހި ރުފިޔާގެ އެހީއެވެ.
އިންޑިޔާގެ އައު ބަޖެޓަށް އަމަލުކުރަން ފަށާނީ މިއަހަރުގެ އޭޕްރީލް މަހުއެވެ.