ވިލާ ކޮލެޖުގެ ދަރިވަރުންތަކެއް މިއަދު އެމްޓީއެލް ބްރިޖް ސައިޓަށް ޒިޔާރަތްކޮށް، މި މެގަ އިންފްރާސްޓްރަކްޗަރ މަޝްރޫޢުގެ އިންޖިނިއަރިންގ އަދި އެހެނިހެން ސިނާޢީ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު އޮޅުންފިލުވައިފިއެވެ. މި ދަތުރަކީ ދަރިވަރުންނަށް ޢިމާރާތްކުރުމުގެ ދާއިރާއާއި ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވޭ ސިލްސިލާ ދަތުރުތަކުގެ ތެރެއިން އެއް ދަތުރެވެ.

މީގެ އިތުރުން ދަރިވަރުންނަށް ޢިމާރާތްކުރުމުގެ ދާއިރާގައި ހުރި ގިނަގުނަ ފުރުޞަތުތަކާއި ބެހޭ މަޢުލޫމާތު ވަނީ ފޯރުކޮއްދީފައެވެ. އެމްޓީއެލް ބްރިޖް ސައިޓަށް ކުރި މި ދަތުރުގައި ދަރިވަރުންނަށް ބްރިޖް ޢިމާރާތްކުރުމުގެ އެކި މަރުޙަލާތަކާއި، އެކަމަށް ބޭނުންކުރާ ޓެކްނޮލޮޖީއާ ބެހޭ މަޢުލޫމާތު ލިބުނެވެ. އަދި މި ބާވަތުގެ ބޮޑެތި މަޝްރޫޢުތަކުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރާ ގޮތްތަކާއި ބެހޭ މަޢުލޫމާތުވެސް ދަރިވަރުންނާ ހިއްސާކުރެވުނެވެ. ވިލާ ކޮލެޖާއި މިނިސްޓްރީގެ ފަރާތުން މި ދަތުރު އިންތިޒާމުކޮށްފައިވަނީ ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކޮށް، ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައެވެ. މިފަދަ ދަތުރުތަކުން ދަރިވަރުން ކިޔަވަމުންދާ ދާއިރާތަކުގެ ޢަމަލީ މައިދާނުގައި ކަންކަން ހިނގާ ގޮތް ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.