ހއ. އުލިގަމުގެ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފަހު ޝިޕްމެންޓް މިހާރު ސައިޓަށް ގެންދެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ސައިޓުގައި މިހާރު ކުރިއަށްދަނީ ބްލޮކް ބާލައި ހަރުކުރުމުގެ މަސައްކަތްކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން 2023 ވަނަ އަހަރު ފަށައިގަނެ، 2023 ޖުލައި 17 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ. މަޝްރޫޢުގެ ދަށުން މަސައްކަތް ކުރެވެނީ ހއ. އުލިގަމުގެ ހުޅަނގު އުތުރު ފަރާތުގައެވެ. މި މަޝްރޫޢުގެ ދަށުން 78,289.00 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނެ ފުންކުރުމާއި، 1,063.00 މީޓަރުގެ ބޭރުތޮށި، ގްރޮއިން އަދި ރިވެޓްމަންޓް ހެދުމާއި، 238.00 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، ބަނދަރުގެ ބައްތިތައް ހަރުކުރުން ހިމެނެއެވެ.
މީގެ އިތުރުން، 2,200 އަކަ މީޓަރުގެ ބަނދަރު ޕޭވްކުރުމާއި، 100 މީޓަރުގެ ޖެޓީއެއް އެޅުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީއާ ހަވާލުކުރެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެވެ. މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީގެ ޓީމު ސައިޓަށް ފޮނުވާފައިވަނީ 2023 ސެޕްޓެމްބަރ 4 ވަނަ ދުވަހުއެވެ.