އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވާ ހިނދު، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އިރުޝާދު ދޭ ގޮތުގައި އިންސާނާގެ ހިތަށް ހަގީގީ ހަމަޖެހުމަކާއި އުފާވެރިކަމެއް ލިއްބައިދެނީ ހަމައެކަނި މާތް ﷲ ހަނދުމަކުރުމުންކަމާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ހަނދާންކޮށްދެއްވައިފިއެވެ.

އެކަމަނާ އެ ކަން ހަނދާންކޮށްދެއްވައިފައިވަނީ، ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ "ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުފާވެރިކަމުގެ މައުޟޫއަކީ ވަރަށް ޝައުގުވެރި މައުޟޫއެއް ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެ ކަމަނާ އިތުރަށް ވިދާޅުވެފައިވަނީ، އަދި ރޫހާނީ މުއްސަނދިކަމަށް ބަލާ ނަމަ، އިންސާނާއާ އޭނާ ހެއްދެވި ފަރާތާ ދެމެދު މަތިވެރި ގުޅުމެއް، އަދި އިންސާނާގެ އަހުލާގުގައި ކިޔަމަންތެރި އުޅުމެއް ހަރުލައިފައި ހުންނަން ޖެހޭ ކަމަށެވެ.

މީގެއިތުރުން އަތްމަތި ތިޔާގިކަމާއި، ދުޅަހެޔޮކަމާއި، ނަފުސާނީ ފުދުންތެރިކަމާއި، މި ފަދަ ހުރިހައި ކަމެއްގެ އިތުރަށް، ރޫހާނީ ވެށި ނުވަތަ އީމާންތެރިކަން ހަރުދަނާ ކުރަން އަބަދުވެސް ވިސްނަން ޖެހޭ ކަމަށާއި، ހަގީގީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމުގައިވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އަދި ކޮންމެ އިންސާނަކާއެކުގައި ވެސް އުފާވެރިކަން ވާ ކަމަށާއި، އެ މީހަކަށް ހިތާމައެއް މެދުވެރިވިކަމުގައި ވީ ނަމަވެސް، އަލުން އުފާވެރި ހާލަތަށް ރުޖޫއަވެވޭކަމާއި، އެއީ ގުދުރަތުން އެކަން ލައްވާފައިވާ ގޮތްކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދިވެހިރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ލޯގޯ އިފްތިތާހުކޮށްދެއްވާފައެވެ.

ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ރވާރކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވަފައިވާ މަޝްރޫއުގެ ރިސަރޗް ޕަރޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އެވެ. މިއީ ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ރަސްމީ ސިފައެއްގައި އޮނިގަނޑެއް އެކުލަވާލައި، ފުރަތަމަ ފަހަރަށް ދިވެހި ޤައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަޝްރޫއެއް ހިންގަވަން ފެއްޓެވި ފުރަތަމަ ފަހަރެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މުޖުތަމަޢުގެ އެކި ބަހާތަކުގެ މެންބަރުން އުފާވެރިކަން މާނަ ކުރައްވާ ގޮތް ހިއްސާކޮށްދެއްވުން އޮތެވެ. އެގޮތުން އިސްރަށްވެހިންނާއި، ދަރިވަރުންނާއި، ކަނބަލުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންގެ ޝުޢޫރު ހިއްސާކުރައްވާފައިވެއެވެ. "ހެޕިނަސް އިންޑެކްސް"އަށް ތައްޔާރުކޮށްފައިވާ ހާއްސަ ލަވައެއްވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ތައާރަފުކޮށްފައެވެ.

ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ހުރި މިންވަރު ބެލުމަށް "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް، ރައީސްގެ ސަރުކާރުން ފެއްޓެވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ކޮންމެ ރަށެއްގެ ހާލަތު ރަނގަޅަށް ދެނެގަނެވުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައިގެން، ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ކަނޑައެޅުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދަވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ "ބެސްޓް ޕްރެކްޓިސް" މިންގަނޑުތަކަށްވެސް ރިއާޔަތްކުރައްވައިގެންނެވެ.