ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންގިލާބީ ބަދަލަކަށް މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފިއެވެ.
ރައީސް މި ނިންމެވުން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހުއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖީލީހުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައި.ސީ.ޓީ ދާއިރާގެ ހިއްސާ މަތިކޮށް، އަދި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރު މިހާރަށްވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައި.ސީ.ޓީގެ ދާއިރާއަށް އިންގީލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ޓެކްނޯލޮޖީ ގަވަރނަންސް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.
އެގޮތުން ކުރެއްވުމަށް ނިންމެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
- - ގައުމީ ފެންވަރުގައި ހިންގާ ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ގާނޫނުތައް ތައާރަފުކޮށް ގާނޫނީ އޮނިގަނޑު ފުރިހަމަކުރުން އަދި އިގްތިސާދެއް ބިނާކުރުމަށް ފަހި ގަވަރނަންސް އޮނިގަނޑެއް އައި.ސީ.ޓީ ސެކްޓަރގައި ގާއިމުކުރުން.
- - ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި މައުލޫމާތު ފަސޭހަކަމާއެކު ޙިއްސާކުރެވޭނެ "އިންޓަރ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް" ގާއިމުކުރުން. އަދި މިކަމަށް މަގުފަހިކޮށްދިނުމަށް އަސާސީ އަސްލު 'ސިންގަލް ސޯސް އޮފް ޓުރުތް" ގެ ގޮތުގައި ބޭނުންކުރާ ސެންޓްރަލް ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން.
- - ސިޓިޒަން ސެންޓްރިކް ހިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ގާއުމީ ފެންވަރުގައި އޮޕަރޭޓްކުރާ ސެންޓްރަލް ޕްލެޓްފޯމްތައް އެކަށައަޅައި އާއްމުކުރުން.
- - އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރަތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން.
- - ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މައުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުމާއި، ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އަރކައިވްގެ ނިޒާމު ހަރުދަނާކުރުން.
- - އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްގީކުރުމާއެކު،ޑިޖިޓަލް ސިގްނޭޗަރ ބޭނުންކުރަން ފެށުން.
- - ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ފައްކާވެފައިވާ މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ސްކޫލް ކަރިކިއުލަމްގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވާ އެކަޑަމިކް ކޮންޓެންޓް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކޮށް އަދި މި ދާއިރާގެ ރިސަރޗް، ޑިވެލޮޕްމަންޓް އަދި އިނޮވޭޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް ހާއްސަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން.
- - އައި.ސީ.ޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ހިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ 'ލޯކަލް ފަސްޓް' ސިޔާސަތަށް ޢަމަލަކުރަން ނިންމުން.
- - ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ރިސަރޗް ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރުން.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މަތީގައި ބަޔާންކޮށްފައިވާ ކަންކަން ކުރެއްވުމަށް ޓައިމްލައިންތައް ކަނޑައަޅުއްވައި އެކިކަންކަން ހާސިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.