އިމާދުއްދީން ސްކޫލު ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިމާދުއްދީން ސްކޫލުގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރުއާއި، ތިލަމާލެ ޕޮލިސް ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދުއާއި، މި ޚިދުމަތުގެ ކޮމިޝަންޑު ބައެއް އޮފިސަރުންނާއި ތައުލީމީ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢާއިޝަތު ނަޝްވާއާއި، އެ ވުޒާރާގެ އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް އަޙްމަދު ނަސީމްއާއި އިމާދުއްދީން ސްކޫލު ޕްރިންސިޕަލް އަލީ މަމްދޫހްގެ އިތުރުން އެ ސްކޫލުގެ އިސްވެރިންނާއި ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އިމާދުއްދީން ސްކޫލު ގުޅިގެން އެ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި 24 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 18 އިން 23 އަށެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަމަލީގޮތުން ސްކޫލް ދަރިވަރުން ބައިވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ތައުލީމީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، މަގުމަތީގެ ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ކިޔައިދީފައިވެއެވެ. އަދި ޓްރެފިކް މޮނިޓަރުންގެ ރޯލުތަކާއި، ޓްރެފިކް ސައިންތަކާއި، ލައިސަންސް ނަގައިގެން ދުއްވަން ކަނޑައެޅިފައިވާ އުސޫލުތަކުގެ އިތުރުން މަގުމަތީގައި ދިމާވާ ހާދިސާތަކުން ސަލާމަތްވުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމާ އަދި ސިއްހީ ކުއްލި ހާލަތެއްގައި އަވަސް ފަރުވާ ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، މަސައްކަތުގައި ކާމިޔާބު ހޯދުމަށްޓަކައި މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އާންމުންނާ ބައްދަލުވެ ވާހަކަދެއްކުމުގައި އަދި އާންމު ދިރިއުޅުމުގައި ވެސް ބަސްމަގު ބަހައްޓަންވީގޮތްތައް ކިޔައިދިނުމަށް ކޮމިއުނިކޭޝަން ސްކިލް ސެޝަނަކާއި، ދިމާވާ ހާލަތަކުން ސަލާމަތްވުމަށް ބޭނުންވާ ބޭސިކް ސެލްފް ޑިފެންސް އުކުޅުތައް ދަސްކޮށްދީފައިވެއެވެ.