ޣައްޒާއިން ނަސްލު ސާފުކޮށްލުމަށް އެމެރިކާގެ ޓްރަމްޕް ރައީސް ގެންގުޅޭ ޣަދަރުވެރި ޒަޔަނިސްޓު ރޭވުމާ މެދު މިސްރުގެ ރައީސް އަބްދުލްފައްތާޙުއް ސީސީ މިއަދާހަމައަށް ސާފުކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ހާލަތުގެ ނާޒުކު ކަމާއި ނުރައްކާ ކަން މިސްރުން ކަމާ ބެހޭ ހުރިހައި ފަރާތަކަށް އެކި ފެންވަރުގައި ފޯރުކޮށްދީފައި ވާނެ ކަމަށް ބައިނަލްއަގްވާމީ މޑީއާއިން ބުނެއެވެ.
ޒަޔަނިސްޓު ޔަހޫދުންގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވަނީ، ނާޒީން، ޔަހޫދުން ޕޮލެންޑްގެ އޮސްވިޗަށް ބޭރުކޮށްލި ގޮތަށް، ޣައްޒާއިން ބޭރުކޮށްލުމަށް ރާވައި އެކަން ކުރިއަށް ގެންދިއުމަށް ސިފައިންނަށް އަންގާފައެވެ. އިޒްރޭލުގެ މީޑިއާއާއި އިންޓަނޭޝަނަލް މީޑިއާއިން ވަނީ އެކަން ކަށަވަރުކޮށް ދީފައެވެ.
ނާޒީން ޔަހޫދުން ޖަރުމަނުން ބޭރުކޮށްލި ގޮތަށް ޣައްޒާއިން ފަލަސްޠީނު މީހުން ބޭރުކޮށްލުމަށް މަގުފަހިކުރުމުގެ ގޮތުން، "ކަނޑާއި ވައިގެ މަގުން ޣައްޒާ މީހުން ބޭރުކޮށްލުމަށާއި ބޭރުވުމަށް ޚާއްސަ އިންތިޒާމުތަކެއް" ހަމަޖެއްސުމުގެ ތައްޔާރީތައް ކުރިއަށް ގެންދިއުމަށް ކާޓްޒް ވަނީ ސިފައިންނަށް އަންގާފައެވެ.
މީޑިއާއިން ބުނެފައި ވަނީ ކާޓްޒަ އެހެން ބުނި ނަމަވެސް އަދި ބިންމަތިން އެފަދަ އޮޕަރޭޝަނެއްވެސް އަދި އެފަދަ ކަމެއްގެ ތައްޔާރީ ހާލަތެއް ވެސް އަދި އެކަމުގެ އެއްވެސް އަލާމާތެއް ނުފެންނަކަށެވެ.
މިސްރުން ވަނީ ޒަޔަނިސްޓު ޔަހޫދުންގެ މި ރޭވުމަކީ މިސްރުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްކަމަށް ބުނެފައެވެ. އަދި މިސްރުން ސާފުކޮށް އަންގައި ދީފައިވަނީ، މި ކަމަކީ 6 އޮކްޓޯބަރު 1973ގައި މިސްރުން ޒަޔަނިސްޓުން ގިއްގަޅުވާލި ހަނގުރާމައަށްފަހު ސޮއިކޮށްފައިވާ ސުލްހައިގެ ކޭމްޕް ޑޭވިޑް މުއާހަދާ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން މިސްރުން ހިންގި މަޝްވަރާތަކަކީ ސިއްރުން ކުރިއަށް ގްނދިޔަ މަޝްވަރާތަކެއް ކަމުން ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިއާ ވާހަކަ ދައްކަމުން މިސްރުގެ އޮފިޝަލުން ވިދާޅުވީ ޣައްޒާ މީހުން ބޭރުކޮށްލުމުގެ އެއްވެސް ހުށަހެޅުމަކާ މިސްރުން ދެކޮޅު ހަދާނެ ކަމަށް ޓްރަމްޕްގެ ސަރުކާރަށާއި ޒަޔަނިސްޓުންގެ ސަރުކާރަށް ޤާހިރާއިން ސާފުކޮށްދީފައިވާނެ ކަމަށެވެ.
އެއް އޮފިޝަލަކު ވިދާޅުވީ މިސްރުގެ އެ މެސެޖު އެމެރިކާގެ ދިފާއީ ވުޒާރާއަށާއި ޚާރިޖީ ވުޒާރާއަށާއި އެމެރިކާގެ ކޮންގްރެސްގެ މެމްބަރުންނަށް ވެސް ސާފުކޮށްދީފައިވާނެ ކަމަށެވެ. ދެވަނަ އޮފިޝަލަކު ވިދާޅުވީ އެކަން ޒަޔަނިސްޓުންގެ ސަރުކާރަށާއި ހުޅަނގު ޔޫރަޕްގެ އެކުވެރި ގައުމުތައް ކަމަށްވާ ޒަޔަނިސްޓުންގެ ސަޕޯޓަރުން ކަމަށްވާ އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނުވިލާތަށް ވެސް ސާފުކޮށްދީފައި ވާނެ ކަމަށެވެ.
ޤާހިރާގައި މީޑިއާއަށް ވާހަކަ ދެއްކެވި ހުޅަނގުގެ ޑިޕްލޮމެޓަކު ވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ބައިނަލްއަގްވާމީ މީޑިއާއާ ވާހަކަ ދައްކަމުން ވިދާޅުވީ މިސްރުން އެ މެސެޖު އެތައް ޗެނަލްތަކެއް މެދުވެރިކޮށް ފޯރުކޮށްދިން ވާހަކައަކީ ސައްހަ ވާހަކައެއް ކަމަށެވެ.