މީގެ ހަތަރު ދުވަސްކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް، ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވައިފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަންގައި ހުންނަވާ ހިއްސާ ކުރެއްވި ވީޑީއޯ މެސެޖެއްގައި އަލީ އާޒިމް ވިދާޅުވީ ކޮވިޑް ޖެހުނުތީ ފަސް ދުވަސް ވެފައިވާއިރު ފާއިތުވި ދުވަސްތައް ދިޔައީ ގަދަހުމާއި، ކޮވިޑްގެ ބިރުވެރި އާލާތްތަކުގައި ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. އެހެންމަވެސް މިހާރު ހާލު ތަންކޮޅެއް ރަނގަޅުކަމަށްވެސް ވިދާޅުވިއެވެ.

އަދި ވީޑިއޯގައި އަލީ އާޒިމް ވަނީ ވެކްސިން ޖެހުން ލަސްކުރެވުނީތީ އެކަމާ ހިތާމަކުރާކަން ހާމަކޮށްފައެވެ.

"ކޮވިޑް ރޯގާގެ ވެކްސިން ނުޖެހުމުގެ ދެރައާ ހިތާމައާ އުނދަގޫ އަޅުގަނޑު މިދަނީ ތަޖުރިބާ ކުރަމުން." އަލީ އާޒިމް ވިދާޅުވިއެވެ.

މިމަހުގެ އަށް ވަނަ ދުވަހު އާޒިމް، ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭނާ އެންމެ ފަހުން މަޖިލީހަށް ހާޒިރުވެވަޑައިގަތީ މިމަހުގެ ތިން ވަނަ ދުވަހެވެ. އެއްވެސް މެމްބަރަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައެއް ނުވެ އެވެ.