ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ "އަހާ" ސިލްސިލާގެ 4 ވަނަ ފޯރަމް ރޭ ބާއްވަވައިފިއެވެ.

މިއީ ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް.) ގުޅިގެން ކުރިއަށްގެންދަވާ ސިލްސިލާ ފޯރަމްތަކެކެވެ.

ރޭގެ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑައިގެންނެވި ފަސް ވަޒީރުންނަކީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސައީދު، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް، މިނިސްޓަރ އޮފް ސޯޝަލް އެންޑްފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރޢާއިޝަތު ޝިހާމް، އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އަލީ ހައިދަރު އަޙްމަދުއެވެ.

މިފޯރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވަޒީރުންގެފަރާތުން ރައްޔިތުންނަށް ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވިއެވެ. 2 ގަޑިއެއްހާއިރަށް ކުރިއަށް ގެންދެވި ފޯރަމްގައި ކުރެވުނު ސުވާލުތަކުގެ އިތުރުންވެސް އާންމުންގެ ގިނަ ސުވާލުތަކެއް ލިބިފައިވުމާއި، ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތުވެސް އެ ސުވާލުތަކެއްގައި ހިމެނިފައިވާ ސުވާލުތަކެއް ހުރުމާއެކު، ކަމާ ގުޅުންހުރި ވުޒާރާތަކަށް ސުވާލުތައް ހިއްސާކުރެވި، ޖަވާބުދެވެމުންދާނެއެވެ. މިކަމަކީ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.

ރޭގެ ފޯރަމްގައި މައިގަނޑު ގޮތެއްގައި ސުވާލުތައް އަމާޒު ކުރެވުނީ ދީނީ، އިގްތިސާދީ، އިޖުތިމާއީ އަދި ވިޔަފާރިއާއި މަތީ ތައުލީމުގެ ދާއިރާއިންނެވެ. މި ރޮނގުން އާންމުން ކުރެއްވި ބައެއް ސުވާލުތަކަށް ވަޒީރުން ދެއްވި ޖަވާބުތަކަށް ބަލާއިރު، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމުގައި ވާ ހިނދު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، އިހުސާންތެރިކަމާއި ކުލުނުވެރިކަން އިސްކުރުމަށް ހަނދާންކޮށްދެއްވިއެވެ. އަދި އަސާސީ މުދަލުގެ އަގުތައް ބޮޑު ނުކުރުމަށްވެސް އިލްތިމާސް ކުރެއްވިއެވެ. ހަމަ މިއާއެކު، ކަނޑައެޅިފައިވާ ބައެއް މުދަލުގެ އަގުތައް އުފުލަމުން ދާ ކަމުގައި ވާ ނަމަ، އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ސާބިތު ކަމާއެކު ކުރިއަށް ދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖޭގެ ނަން ކިލަނބު ކުރުމަށް ދެކެވޭ ވާހަކަތަކަށް ރިއާޔަތްކުރައްވައި، އާންމުން އަމާޒުކުރެއްވި ސުވާލުތަކަށްވެސް ވަޒީރުން ވަނީ ސާބިތުކަމާއެކު ޖަވާބުދާރީ ވެވަޑައިގެންފައެވެ. އެގޮތުން ދިވެހިރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ ގައުމެއް ކަމުގައި ބުނާނެ އެއްވެސް ފުރުސަތެއް ނޯންނާނެކަމުގެ ޔަގީންކަން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވިއެވެ. އަދި ޗައިނާއާއި ރާއްޖެ ދެމެދު އެކުލަވައިލެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޤައުމަށާއި ރައްޔިތުންނަށް ލިބެމުންދާނެ ފައިދާ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވިއެވެ.

މީގެ އިތުރުން، މަތީ ތައުލީމުގެ ދާއިރާގެ އެކި ކަންކަމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އަލީ ހައިދަރު އަހްމަދު ޖަވާބުދާރީވެވަޑައިގެންނެވިއެވެ. އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައި ވާ އެކި މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރ އޮފް ސޯޝަލް އެންޑްފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރޢާއިޝަތު ޝިހާމް ޖަވާބުދާރީ ވެވަޑައިގެންނެވިއިރު، ފަތުރުވެރިކަމާއި ތިމާވެށީގެ ރޮނގުން އާންމުން ކުރެއްވި ސުވާލުތަކަށް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކާ އެއްގޮތަށް، ކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި ކުރިމަތިލައްވަންޖެހިވަޑައިގަންނަވާ އެކި ގޮންޖެހުންތައް ހުރަސްކުރައްވާ، ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތަކެއްގެ އިތުރު ތަފްސީލުވެސް ވަޒީރުން ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ހިއްސާކުރައްވާފައެވެ.

ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގުޅިގެން ކުރިއަށް ގެންދަވާ މި ސިލްސިލާގެ 4 ވަނަ ފޯރަމް ކުރިއަށް ގެންދެވީ ޓީވީ މޯލްޑިވްސްގައެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބާއްވަވާ 'އަހާ' ފޯރަމް ދެ ގޮތަކަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބައެއް ފޯރަމްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖައްސާފައިވާއިރު، އެހެން ފޯރަމްތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ވަޒީރުންނެވެ.

މި ސިލްސިލާގެ ފޯރަމްތަކުގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.