ދ. އަތޮޅު ހޮސްޕިޓަލުގެ 50 އެނދުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
އާރުޑީސީއާ ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް ހަދަން ހަވާލު ކުރީ 18 މަސް ދުވަހުން ނިންމާ ގޮތަށެވެ. މި ޢިމާރާތަކީ މެމޮގްރަފީ ޚިދުމަތް ލިބޭނެ ފެސިލިޓީއާއި، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރަކާއި، ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމަނައިގެން ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ.
ދ.އަތޮޅު ހޮސްޕިޓަލް ހުންނަ ކުޑަހުވަދޫއަކީ އެއަރޕޯޓެއް އޮންނަ ރަށެއް ކަމުގައިވާތީވެ، ފްލައިޓުގައި ބަލިމީހުން އުފުލުމަށް ފަސޭހަވާނެ އިންތިޒާމްތައް ހޮސްޕިޓަލް މެދުވެރިކޮށް ފަސޭހައިން ހަމަޖެހޭނެ އިންތިޒާމްތައް މި ހޮސްޕިޓަލުގައި ޤާއިމް ކުރެވިގެދާނެކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ މި ހޮސްޕިޓަލުގައި ހުންނާނެއެވެ. އަދި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަންއާއި މެޑިކަލް އެއަރ އަދި ސަކްޝަން އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ތަމްރީން ދިނުމަށް ބޭނުންވާނެ ފެސިލިޓީަކާއި އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީވެސް މި ހޮސްޕިޓަލުގައި ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ދައުލަތުގެ ބަޖެޓުން 181 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މިހޮސްޕިޓަލެކެވެ.