ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލުން އެ ރަށުގައި އިންޑަސްޓްރިއަލް އޭރިއާއެއް ހަދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހުގައި އެދިއްޖެއެވެ.
އެ ކައުންސިލުން މި ކަމަށް އެދިފައިވަނީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ރައީސުލްޖުމްހޫރިއްޔާ، އެ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީއާ އަދި އެރަށުގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުޑަހުވަދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ ރައީސް ޑރ. މުއިއްޒު، ކުޑަހުވަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ދުވަސްވީ އުންމީދުތަކެއްގައި ހަގީގީ ކުލަޖެހިގެންދާ ދަތުރުފުޅެއްކަމަށެވެ.
އަދި މި ދަތުރުފުޅަކީ މި ހިނގާ ރިޔާސީ ދައުރުގައި އެމަނިކުފާނު ކުޑަހުވަދޫއަށް ކުރައްވާ 3 ވަނަ ދަތުރުފުޅުކަން ފާހަގަކުރައްވައި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ގައުމު ތަރައްގީކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ފެށިގެންދާ މަޝްރޫއުތަކަކީ ނުހުއްޓި ކުރިއަށްދާނެ މަޝްރޫއުތަކެއްކަމުގައި ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއެއް ހައްދަވައިދެއްވުމަށާއި، މަސް ފެކްޓްރީއެއް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންވަނީ ސަރުކާރުން އަންހެނުންގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށްތަކަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްގެންދަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުޑަހުވަދޫގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ ކުޑަހުވަދޫގައި އިމާރާތްކުރާ އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.