މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަކަށް އެ ކުންފުނީގެ ބޯޑު މެމްބަރަކަށް ކުރިން ހުންނެވި ސިނާން އަލީ އައްޔަންކޮށްފ އެވެ.
އެމްޓީސީސީގެ ވެބްސައިޓުން އެންމެ ފަހުން އާންމުކުރި މައުލޫމަތުތަކުން ސިނާން އެ މަގާމަށް ހަމަަޖެއްސިކަން ވަނީ ކަށަވަރުވެފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި، އޭނާ އައްޔަންކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
ފުރަތަމަ ސިނާން އެމްޓީސީސީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ ބޯޑު މެމްބަރުކަމުން ވަކިކޮށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޗެއާމަންގެ މަގާމަށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އައްޔަންކުރި އެވެ. އެހެންނަމަވެސް ތިން ދުވަހަށް ފަހު އެ މަގާމުން ވަކިކޮށް އެމްޓީސީސީގެ ބޯޑު މެމްބަރު ކަމަށް ބަދަލުކުރިއެވެ. އަދި އޭގެފަހުން އައިލޭންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަންވެސް ސިނާން ކުރެއްވިއެވެ.
ސިނާނަކީ ނޫސްވެރިކަމުގެ ދާއިރާގައި ވެސް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން ކުރިން ހަވީރު ނޫހާއި މިއަދު ނޫހުގެ އިތުރުން ސިނާން ވަނީ ސަން މީޑިއާގެ ސީއީއޯކަންވެސް އަދާކުރައްވައިފައެވެ. އަދި މިހާރު ސިނާނަކީ އޭނާގެ އަމިއްލަ ނޫސްކަމަށްވާ "ވަން" އޮންލައިނުގެ ސީއީއޯއެވެ.