ސިފަ ބަދަލުކޮށްގެން ވައްކަންކުރަން އުޅުނު ކަމުގެ ތުހުމަތުގައި މާލޭ މާވެޔޮ މަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
މިކަން ހާމަކޮށް މީޑިއާތަކަށް ފުލުހުން ރޭ ކުރި މެސެޖުގައި ބުނެފައިވަނީ އެ ދެ މީހުން އެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނައީ ރޭ ދަންވަރު 2:39 ހާއިރު ކަމަށެވެ.
އަދި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު ތިބީ އަންހެން ހެދުން އަޅައިގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. ވާދޫ، ލިލީގެ، މުހައްމަދު ސަބާހު (46އ) އަދި ނ. މިލަދޫ، ސޯސަންގެ، މުހައްމަދު ނައުޝާދު (42އ) ކަމަށެވެ.
އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ދީފައިވާ ކަމަށްވެސް އެ ހިދުމަތުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.