ޓުއަރިޒަމް ދާއިރާގައި ގިނައަދަދެއްގެ ބަޔަކު ވަޒީފާ އަދާކުރާ އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ޑޮލަރު އެޓީއެމްއެއެއްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ޑޮލަރު އޭޓީއެމް ބަހައްޓައި އައްޑޫ ސިޓީގައި ހިދުމަތް ދޭންފެށީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. އޭޓީއެމް ބަހައްޓާފައި ވަނީ ހިތަދޫގައެވެ.
ބީއެމްއެމްލް ޑޮލަރު އޭޓީއެމް ރަސްމީކޮށް ހުޅުވައި ދެއްވީ ހިތަދޫ ބްރާންޗުގައި ބޭއްވި ރަސްމިއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުހައްމަދު ސަޢީދު އަދި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފްއެވެ.
ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވުމަށްފަހު ބީއެމްއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ. އަދި އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާއެކު، ބޭންކުން ދަނީ އައްޑޫ ސިޓީގައި ބޭންކިން ހިދުމަތް އިތުރަށް ހަރުދަނާ ކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ.