ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ނަލަހިޔާމަންޒިލް، މާލެ، ހަސަން މުނާޒް (40އ) ކަމަށެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ހިންނަވަރުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 66.02 ގުރާމް ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި މި މަހުގެ 14 ވަނަ ދުވަހު ނައިފަރުގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ނަގިލިޖެހިގެ، އަލީ މުހައްމަދުފުޅު (54އ) އާއި ޅ. ނައިފަރު / ޑޭޒީހިޔާ، އަޙްމަދު ވިއާމް (26އ) އެވެ. ފުލުހުން ބުނީ އަލީ މުހައްމަދުފުޅު (54އ) ހައްޔަރުކޮށް އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ތަނެއް ބަލައިފާސްކުރިއިރު ފަސް ދަޅު ބަނގުރާ ފެނިފައިިވާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުމޯ އަހުމަދު ވިއާމް (26އ) ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތިވެސް ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 12 ގުރާމްކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ނަލަހިޔާމަންޒިލް، މާލެ، ހަސަން މުނާޒް (40އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ޅ. ނައިފަރު / ނަގިލިޖެހިގެ، އަލީ މުހައްމަދުފުޅު (54އ) ދެ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ޅ. ނައިފަރު / ޑޭޒީހިޔާ، އަހުމަދު ވިއާމް (26އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަންތައް ހިންގާފައިވަނި ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޅ. އަތޮޅު ފުލުހުން ގުޅިގެންނެވެ. ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.