ފާއިތުވެދިޔަ ދެތިންް ރަމަޟާން މަހު ތޮއްޑޫއިން މާލެއަށް ކަރާ ފޮނުވި މިންވަރާ ގާތަށްވެސް ކުރިއަށް އޮތް ރަމަޟާން މަހު ކަރާ ނުފޮނުވޭނެ ކަމަށް އެރަށު ދަނޑުވެރިން ބުނެފިއެވެ.
ތޮއްޑޫގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިޔަކު "ހަލިނިއުސް" އަށް މައުލޫމާތު ދެމުން ބުނީ ރޯދަ މަހުގެ ފުރަތަމަ ދިހައެއްގައި ތޮއްޑޫއިން މާލެއަށް ކަރާ ފޮނުވޭ މިންވަރު ވަރަށް ބޮޑަށް މަދުވާނެެ ކަމަށެވެ.
"ރޯދަ މަހަށް އޮށް (ކަރާ އޮށް) އިންދިތަނުން ބޮޑު ވިއްސާރަ ކުރިމަތިވީ. އޭގެ ސަބަބުން ވަރަށް ގިނަ ދަނޑުތަކަށް ގެއްލުން ލިބުނު. ރޯދަމުގެ މެދަކާ ހިސާބުން ކަރާ ފޮނުވޭ މިންވަރު ރަނގަޅުވާނެ ކަމަށް ބެލެވޭ. އެކަމަކު މިފަހަރުގެ ރޯދަމަސް ވެގެންދާނީ މިއިން ޒަމާނަކުވެސް ތޮއްޑޫއިން މާލެއަށް ކަރާ އެންމެ މަދުން ފޮނުވޭނެ ރޯދަމަހަށް" ތޮއްޑޫއިން ވާހަކަ ދެއްކި ދަނޑުވެރިޔާ ބުންޏެވެ.
ތޮއްޑޫ ކޮންމެ ރަމަޟާން މަހަކުވެސް މާލެއަށް އެންމެ ގިނައިން ކަރާ ވިއްކަން ގެންނަ ރަށެވެ. މައިގަނޑު ގޮތެއްގައި ރޯދަމަހު މާލެއަށް ކަރާ ވިއްކަން ގެންނަނީ ތޮއްޑޫގެ އިތުރުން ކާށިދޫ އަދި ށ.އަތޮޅު އަދި ލ.އަތޮޅުގެ ރަށްރަށުންނެވެ.