ލޭ ބޯ ފަނި (9)

ފީރޯޒާއަށް އަކްބަރްގެ ފުރަތަމަ ކާވެނީގެ ވާހަކަ އެނގުނީމާ އޭނާގެ ގާތަށް ވަރަށް ބޮޑަށް ރުޅި އައެވެ. އެކަމެއް އަކްބަރްގެ ހަނދާނަކުން ނުފިލައެވެ. ފީރޯޒާގެ ރުޅީގެ ސަބަބުން އޭނާ ވަނީ ރޮދި ކެނދީފައިވާ ގުޑިއަކަށް ވެފައެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ވައިގެ ތެރޭގައި ހޫރެނީއެވެ. މަޑީގައި ހިފަން އަތް ހޫރުވުމަކުން ކުރާ ފައިދާއެއް ނެތެވެ.

އެ ދުވަހު އޭނާ ސަލްމާއަށް ފޯނު ކޮށްފައި ސުވާލު ކުރިއެވެ. "އަހަންނާ ބެހޭ ގޮތުން ފީރޯޒާ އެއްވެސް ވާހަކައެއް ދެއްކިތަ؟"

"ނުދައްކާ. މިހާރު އޭނާ އަހަރެންގެ ކޮޓަރިއަކަށް ނުވެސް އާދޭ. ކަލޭގެ ކާވެނީގެ ވާހަކަ ނޭނގޭ އިރު އަބަދު އޮންނަނީ އަހަރެންގެ ކޮޓަރީގައި. ކަލޭގެ ވާހަކަ އޭރު ވަރަށް ގިނައިން ދައްކާ."

"ދައްތާ! އެ ދުވަސް އަލުން ގެނެސްދީ!"

"ކިހިނެއް އަހަރެން އެ ދުވަސް ގެންނާނީ؟"

"އަހަރެން ދައްތައަށް ޓަކައި ބޮޑެތި ޤުރުބާނީތައް އެބަ ވަން. އަހަންނަށްޓަކައި ދައްތައަށް އެވަރުގެ ކަމެއްވެސް ކޮށެއް ނުދެވޭނެތަ؟"

"ދޮގު ނުހަދާ! އަހަންނަށްޓަކައި ކަލޭ ވީ ކޮން ޤުރުބާނީއެއް؟"

"މިހާރުވެސް މި އުޅެނީ ދައްތަގެ އުމުރަކީ ފަންސަވީސް ކަމަށް ހަދާފައި، އަހަރެންގެ އުމުރަކީ ސައްބީސް ކަމަށް ހަދައިގެން. އެއީ ދައްތަ ޅަ ކުރަން އަހަރެން ވީ ޤުރުބާނީއެއް ނޫންތަ؟"

ސަލްމާ އަޑުލާ ކަހަލަ ރާގަކަށް ބުނެލިއެވެ. "ވިޔާނުދާ ވާހަކަ ނުދައްކާ! ތިޔައީ ފޯނުން ދައްކާ ކަހަލަ ވާހަކަތަ؟"

ޖޯޝުގައި ނަށާ ސާމަރާ ދޫންޏަށް ވެސް އެ ސޮރުގެ އުމުރުން ދުވަސްވީކަން އެނގެނީ ނެށުމުގެ ތެރޭގައި އަމިއްލަ ފަޔަށް ބަލައިލެވުނީމައެވެ. ޖަވާދާ އިނދެވޭ ގޮތް ވީ މީހަކާ އިނުމުގެ އުއްމީދުގައި ސަލްމާ އިންތާ ތިރީސް އަހަރު ފަހުންނެވެ. ކާވެނީގެ ރަސްމިއްޔާތުގައި އޭނާގެ އުމުރު ކަމަށް ލިޔުއްވީ ފަންސަވީސް އަހަރެވެ. އެކަމަކު އޭނާ ޖަވާދަށް ވުރެ ހަ އަހަރު ދޮށްޓެވެ.

ސަލްމާ އަކީ މައިދައިތައަށް ކަމުދާ މީހަކަށް ނުވިއެވެ. އެހެން ނަމަވެސް ދަރިފުޅު ހިތާ ވެގެން އިންނަ މީހަކަށް ވާތީ އަނގައިން ނުބުނީއެވެ. ސަލްމާ އަކީ ޢުމުރުން ދުވަސް ވެފައިވާ މީހެއްކަން ޖަވާދުގެ ބައްޕައަށް ވެސް އެނގެއެވެ. އެކަމަކު އޭނާވެސް ދަރިފުޅަށްޓަކައި ހިމޭނުން ހުރީ އެވެ. ސަލްމާ އައީ ފަންސަވީސް ލައްކަ ރުފިޔާ ހިފައިގެންނެވެ. އަދި އޭނާގެ ޙިއްސާ އަށްވާ ބިން ވެސް ހިފައިގެންނެވެ. ޖަވާދު ހުންނަނީ އޭނާޔާ ހެދި ހޭބަލި ވެފައި ކަމަށް ވާތީ، ކަންތައް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ގޭގައި އޭނާގެ ބާރު ވަރަށް ގަދައެވެ. ގޭގައި ނުފޫޒު އޮތަސް، އުމުރުން ދޮށީ ވާހަކަ ދެއްކީމާ މިހާރު ވެސް އޭނާ ގާތަށް ރުޅި އާދެއެވެ.

އޭނާ ބުންޏެވެ. "އަކްބަރު! ކަމާ ނުބެހޭ ވާހަކަ ނުދައްކާ! ކަލޭގެ ނަންގަންނަ އަޑު އަހާކަށް ވެސް އޭނާ ބޭނުމެއް ނުވޭ. އެވަރުގެ މީހަކު ކަލެޔާ ރުހޭ ގޮތް ހަދާނީ ކިހިނެއް؟"

"ދައްތަ ބޭނުމިއްޔާ އަހަރެމެން ދެ މީހުން ބައްދަލު ކުރުވިދާނެ."

"ތިޔަ އުޅެނީ އަހަރެން މިގެއިން ބޭރަށް ލާ ގޮތް ހަދަންތަ؟"

"ދައްތަ އަކަށް އެއްވެސް ކަމެއް ނުވާނެ. ދައްތަ ދުރުގައި ހުރެގެން މަގު ފަހި ކޮށް ދޭނީ. އެހެން ކަމެއް ކުރާކަށް ނުޖެހޭމެ."

"ކަލޭ އޭނާގެ ފަހަތުން ހަމަ ރަނގަޅަށް އަޅައިގަތީ ދޯ؟ އެކަހަލަ އެތައް ކުދިންނެއް ލިބިދާނެއެއްނު؟"

"އާނ! ލިބިދާނެ. އެކަމަކު ހިތް އެދެނީ އޭނާއަށް."

"އެންމެ ރަނގަޅު. އަހަރެން ހަދަން ވީ ގޮތެއް ބުނޭ!"

"ފީރޯޒާގެ އިމްތިޙާން ނިމެނީ ކޮން ދުވަހަކު؟"

"އިމްތިޙާން މިހާރު ނިމިއްޖެ. އެންމެ ފަހުގެ ޕޭޕަރު ހެދީ އިއްޔެ. ދެން ނަތީޖާ ލިބެންދެން އިންނާނީ ގޭގައި. ބޭރަކަށް ނުދާނެ. އެހެންވީމާ ބަހަނާ ދައްކައިގެން ކަލެޔާ ބައްދަލު ކުރާކަށް ނުދެވޭނެ."

"އަހަރެން ބޭނުންވަނީވެސް އޭނާ ގެއިން ނުނުކުމެ އިންނަން. އޭނާގެ ބައްޕަ ގެއިން ބޭރަށް ދަނީ ހެނދުނު ނުވައެއް ޖަހާއިރުނު؟ ދެން ހުރަހަކަށް ހުންނާނީ މަންމަ. ކޮންމްވެސް ގޮތެއް ހަދާފައި އޭނާ ދެތިން ގަޑި އިރަށް ތަނަކަށް ފޮނުވައިލަދީ! އޭރުން ދައްތަގެ މަސައްކަތް ނިމުނީ."

"މަންމަ ބޭރަށް ދަންޏާ ދާނީ ފީރޯޒާ ގޮވައިގެން."

"އޭނާ އެކަނި ވާނެ ގޮތެއް ރާވާ!"

"ކިތަންމެ ވަރަކަށް ރޭވިޔަސް އޭނާ އެކަނިވާ ގޮތެއް ނުހެދޭނެ. މަންމަ ނެތަސް އަހަރެން ގޭގައި އުޅޭނަން. އަހަރެން ގޭގައި އުޅެނިކޮށް ކަލޭމެން ދެމީހުން ބައްދަލު ކޮށްފިއްޔާ ހުރިހައި އިލްޒާމެއް އެޅޭނީ އަހަރެންގެ ބޮލުގައި."

އަކްބަރު އިރުކޮޅަކު ވިސްނައިލާފައި ބުނެލިއެވެ. "ދައްތާ! އަހަރެން މިހާރު މި ދުއްވާ ހޮންޑާ ކާރުގެ އަގަކީ ބާރަ ލައްކަ ރުފިޔާ. ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އަހަރެން އާ ކާރެއް ގަންނާނަން. އެ ކާރުގެ އަގަކީ ވިހި ލައްކަ ރުފިޔާ. އަހަރެން ބާރަ ލައްކަ ރުފިޔާގެ ކާރު ވިއްކައެއް ނުލާނަން. އެ ކާރު ދޭނީ ދައްތައަށް."

ސަލްމާ އުފަލުން ފޮޅިއްޖެއެވެ. ފުން ނޭވައެއް ލައިފައި އަހައިލިއެވެ. "ހަމަ ތެދެއްތަ؟"

"ދޮގެކޭ ހީވަނީތަ؟ ދައްތަ ކާވެނި ކުރި ދުވަހު އަހަރެން ތިން ލައްކަ ރުފިޔާގެ ހާރެއް ނުދެންތަ؟ އަހަންނާއި ފީރޯޒާގެ ކާވެނީގެ ތާރީޚު ކަނޑައަޅާ ދުވަހު އެ ކާރު ދައްތައަށް ދޭނަން."

ސަލްމާ ވިސްނަން ފަށައިފިއެވެ.

އަކްބަރު ސުވާލު ކޮށްލިއެވެ. "އަހަރެން މި ބުނާ އެއްޗެއް ދައްތައަށް ވިސްނޭތަ؟"

"އާނ! ކަލޭ އަހަރެންގެ ކަރަށް ތިޔަ މަހައިލީ ބާރަ ލައްކަ ރުފިޔާގެ މަޅިގަނޑެއް. އަހަރެންގެ ނޭވާ އުފުރެން ފަށައިފި. ކޮންމެވެސް ހިންތާއެއް އެބަ ރާވަން."

"އަވަހަށް ކޮންމެވެސް ގޮތެއް ހަމަ ޖައްސާ! އަވަސްވީ ވަރަކަށް ކާރު ލިބުން އަވަސް ވާނެ."

(ނުނިމޭ)