ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށައިފިއެވެ.

ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓުން ވިދާޅުވީ ރަމްޟާން މަހާ ދިމާކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ މާލޭގެ މަގުތައް އިތުރަށް ހަލަބޮލިވެ، ބާޒާރު ކުރުމަށް ގިނަ ބަޔަކު ނިކުންނަ މަހެއްގެ ގޮތުގައި ފާހަގަވާއިރު ޓްރެފިކްގެ މައްސަލަ ހައްލުކުރަން ކޮންމެ ރޯދަމަހަކާއި ދިމާކޮށް ފުލުހުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ރޯދަމަހުވެސް މުދާ އުފުލުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ދުއްވާ އުޅަނދުތަކަށާއި، ހިނގާ ބިގާވެ އުޅޭ މީހުންނަށް ފަސޭހައިން މަގު ބޭނުން ކުރެވޭނެ ގޮތްތަކެއް ފަހި ކުރުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރޯދަމަހު މާލޭގައި ޓްރެފިކް އެންމެ ބާރު ބޮޑުވާ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖްކުރުމުގެ މަސައްކަތް ފުލުހުން އަބަދުވެސް ކުރެއެވެ.

ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ފަށާފަވާއިރު މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.