ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އިންޑިއާގެ ރައީސާ އަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި 17 ފެބްރުއަރީ 2025

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އައިޝަތު އަޒީމާ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސާ ދުރުޕަތީ މުރުމުއަށް އަރުވައިފިއެވެ.

އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ މެންދުރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު "ރާސްތްރަޕަތީ ބަވަން" ގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވިގޮތުގައި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމު ވަނީ ސަފީރު އަޒީމާއަށް ހޫނު މަރުހަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފައި ކަމަށެވެ.

މިބައްދަލުވުމުގައި ސަފީރު އަޒީމާ ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ރައްޔިތުންގެ ފަރާތުން ހެޔޮއެދުންތަކާއި ތަހުނިޔާ، އިންޑިއާގެ ރައީސާއަށާއި ރައްޔިތުންނަށް ރައްދުކޮށްދެއްވިއެވެ. އަދި ރާއްޖޭގެ ކުރިއެރުމަށް އިންޑިއާ އިން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާ، ރާއްޖެއާއި އިންޑިއާ އާ ދެމެދުއޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުވާލައި މިގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު އެކަމަނާ ފާހަަގަކުރެއްވިއެެވެ.

މި އަހަރަކީ ރާއްޖެ އާއި އިންޑިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އަދި އިންޑިއާ ހިމެނެނީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައެވެ.