ގދ. އަތޮޅު ކައުންސިލްގެ ދަޢުވަތަކަށް މި ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެއަތޮޅަށް މިއަދު ވަޑައިނަވައިފިއެވެ.
މި ދަތުރުފުޅަކީ އެ އަތޮޅުގެ ދަނޑުވެރިކަންކުރާ ރަށްތަކާއި، ފަޅުރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެގޮތުން މި ދަތުރުފުޅުގައި ދަނޑުވެރިކަމުގެދާއިރާއިން އެއަތޮޅަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް މި ވުޒާރާ އާއި އަތޮޅު ކައުންސިލާއި ގުޅިގެން ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެނެއެވެ.
ވަޒީރުގެ މި ދަތަުރުފުޅުގައި އެކަމަނާގެ އަރިހުގައި މި ވުޒާރާގެ އިސް ބައެއް ބޭފުޅުންނާއި އިދާރީ ބައެއް މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
ވަޒީރު ޑރ. މަރްޔަމް މާރިޔާ މި ވުޒާރާއާއި ހަވާލުވެވަޑައިނެވި ފަހުން އަތޮޅުތެރޭގެ ރަށަކަށް އެންމެ ފުރަތަމަ ވަޑައިނެވީ އއ. ތޮއްޑޫ އަށެވެ. އެދަތުރުފުޅުގައި ތޮއްޑޫގެ ކައުންސިލާއި ބައެއް ދަނޑުވެރިންނާއި ބައްދަލުކޮށް ހާލަތު ބައްލަވާފައިވެއެވެ.
އެކަމަނާގެ ގދ. ކުރައްވަވާ މި ދަތުރުފުޅުގައިވެސް އެ އަތޮޅުގައި މި ވުޒާރާ އާއި ގުޅުންހުރި ކަންކަން ބައްލަވާ، އެދާއިރާތަކުން މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
https://sarukaaru.gov.mv/articles/7237