ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ހުރީ ރަނގަޅު ދުވެލީގައި ކަމަށް ޤަބޫލުކުރައްވާކަމަށް އިޤްތިސާދާ ތަރައްޤީއާބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވަޒީރު ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިސަރުކާރަށް ވާރުތަވި ޙާލަތަށް ބަލާއިރު މިއަދު ލިބެމުންދާ ކުރިއެރުންތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކުރިވަރަށް (%6.4) ގައި ރާއްޖޭގެ އިގްތިސާދު ކުރިއަމުންދާ މަންޒަރު ފެނިވަޑައިގަންނަވާކަމަށެވެ.
ވަޒީރު ސައީދު މިއަދުވެސް ތަކުރާރުކޮށް ފާހަގަ ކުރެއްވީ މިދިޔަ ސަރުކާރުން އިގްތިސާދަށް ދިން ގެއްލުންތަކެވެ. މިގޮތުން މިދިޔަ ސަރުކާރަށް އެތައް ފަހަރަކު މަޖިލީހުން ނަސޭހަތްދެމުން ދަނިކޮށްވެސް 8000 މިލިޔަން ރުފިޔާ ޗާޕުކޮށްގެން ބާޒާރަށް ނެރުމާއި ދައުލަތް 123-125 ބިލިޔަން ރުފިޔާއިން ދަރާފަ އޮތުމާއި ސަރުކާރު ހިއްސާވާ ގާތްގަނޑަކަށް ހުރިހާ ކުންފުންޏެއް 9 ބިލިޔަން ރުފިޔާއާއި ގާތްކުރާ އަދަދަކަށް ދަރާފައިވުން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ދަރަނިތައް ގުޅިފަހުރީ އާމްދަނީ ލިބޭނެ ވަސީލަތްތަކަކާ ނޫންކަމަށާއި މިދަރަނިތައް ގުޅިފައިވަނީ ސަރުކާރު ހިންގުމުގެ ޚަރަދުތަކާ ކަމަށެވެ.
"މިގޮންޖެހުންތައް ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނަށް ވާރުތަވި ކަންތައްތައް މިއީ. އަނެއްކާ ސަރުކާރުގެ ކުންފުނިތައް ގާތްގަނޑަކަށް 9 ބިލިޔަނާ ގާތްކުރާ އަދަދަށް ދަރާ މިއޮތީ. ހުރިހާ ކުންފުނިތަކެއް ކަހަލަ ގޮތަކަށް. އެހެންނަމަވެސް އަޅުގަނޑު އަދިވެސް ތަކުރާރުކޮށް މިދަންނަވަނީ މިހިސާބަށް އައިއިރު ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އެމަނިކުފާނު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެ ނުދަރާ ސަލާމަތްވުން" ވަޒީރު ސައީދު ވިދާޅުވިއެވެ.