ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނާއިބު ރައީސްކަމަށް، ރ.އަލިފުށި، ފަސާނާ އަލްފާޟިލް އަބްދުﷲ ނާޝިދު މިއަދު އައްޔަންކުރައްވައިފިއެވެ.
އޭސީސީގެ ނާއިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވާފައިވަނީ، ގާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނު)ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
ޢަބްދުﷲ ނާޝިދު އޭސީސީގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވަނީ މި އަހަރުގެ ޖަނަވަރީމަހުގައެވެ. އަބްދުﷲ ނާޝިދު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އެ ކޮމިޝަނުގެ މުހިންމު މަގާމުތަކެއް އަދާކުރައްވާފައެވެ.