ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދައުރުކަމަށްވާ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ އޮންނާނެ ކަމަށެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމްއާ ސުވާލު ކުރެއްވުމެވެ.
މެންބަރު ސައީދު މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖައްސާފައިވަނީ ދާދި ފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި އުދަ އަރައި އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި، ލ. މާވަށް ހިމެނޭ އިރު އެރަށުގެ އުދައަރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެ އިރެއް އޮޅުން ފިލުއްވުމަށެވެ. އަދި އެ މަސައްކަތް ނިންމާލެވޭނެ މުއްދަތެއް އޮޅުން ފިލުއްވުމަށްވެސް ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މާވަށުގެ ބިން ހިއްކުމަށްޓަކައި ކުރަން ޖެހޭ ސާވޭ ނިމި ކުރެހުންތަކަށް ކައުންސިލުގެ ރުހުންވެސް ލިބިފައިވާއިރު، އެމަސައްކަތް ފެށޭނެ ތާރީހެއް އޮޅުން ފިލުއްވަންވެސް ސައީދު ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ ކަމާބެހޭ ކޮމިޓީއަށް ފޮނުވުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ރާއްޖޭން ސަފީރުން ކަނޑައެޅުއްވުމަށްޓަކައި ރާއްޖޭން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް، ގ.ފަރުކަނި، ޑޮކްޓަރ އާސިމް އަހުމަދު، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުއްވުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
މާދަމާގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
މިއަހަރުގެ ދެވަނަ ދައުރުގައި މުޅިއެކު 21 ގާނޫނެއް ނިންމުމަށްފަހު، ދައުރު ނިންމާލައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ގައެވެ.