ދިވެހިންހެ ގައުމު އަނބުރާ ދިވެހިންނަށް ހޯދުމަށް ނުކުންނަންވީ ވަގުތު ޖެހިއްޖެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށްބުނާ ލިޔުމެއް ސޯސަލް މީީޑިއާގައި ލީކް ވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އަދުރޭ ވިދާޅުވީ ޞާލިޙުގެ ކޯލިޝަން ސަރުކާރުން ދިވެހިގައުމު ވިއްކާލާ ދިވެހިން އަޅުވެތިކޮށްފި ކަމަަށާއި ގައުމަށް ޣައްދާރުވެއްޖެ ކަމަަށެވެ.

"ރައްޔިތުންނަށް ޚިޔާނާތްތެރިވެއްޖެ. ދިވެހިންގެ ދިވެހި ގައުމު އަނބުރާ ދިވެހިންނަށް ހޯދުމަށް ދިވެހިން ނުކުންނަންވީ ވަގުތުޖެހިއްޖެ." އަދުރޭ ވިދާޅުވިއެވެ.

ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. އަދި ކަނޑުގެ ސަރަހައްދު ބެލުމުގައި އެމީހުންނަށް ހަތިޔާރާއި އެކު ހަރަކާތްތެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ސޮއިކޮށްފައި ނެތްއިރު، މީގައި ވާގޮތުން މި އެއްބަސްވުން ވެފައިވަނީ 30 އަހަރުގެ މުއްދަތަށެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރު 30 އަހަރަށް އެއްބަސްވުން ދިގުދަންމާލެވޭނެ ކަމަށް ވެއެވެ.