އަޤްޞާ ޠޫފާނުގެ ހަމަލައަކީ، ހަމާސް އިން، 2022ގެ އޮކްޓޫބަރުގައި ދޭން ތައްޔާރު ކުރި ހަމަލައެއް ކަމަށް އިޒްރޭލު މިޑިއާއިން ބުނެއެވެ. އިޒްރޭލު މީޑިއާއިން ވަނީ އަޤްޞާ ޠޫފާނާ ބެހޭ ގޮތުން އިޒްރޭލުގެ ތަހުގީގު ކުރާ ފަރާތްތަކުން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލާފައެވެ.

ޣައްޒާގެ ބިންގަރާހަކުން ފެނުނު ކަމަށް ޒަޔަނިސްޓުން ބުނާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ހަމާސްއިން އަޤްޞާ ޠޫފާންގެ ޙަމަލަ ފެށުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަކީ، 2022 ވަނަ އަހަރުގެ އޮކްޓޫބަރު 7 އެވެ. ނަމަވެސް އެހެން ފަރާތްތަކާއެކު ޙަމަލަ ވިލަރެސްކުރަން ވިސްނައި ޙަމާސްއިން އެކަން، 2023ގެ މޭ މަހަށް ލަސް ކުރީއެވެ. އެއަށްފަހުވެސް، ދެވަނަ ތާރީޚަކަށް ލަސްކޮށް، 7 އޮކްޓޫބަރުގައި ކުރިއަށް ގެންދާ ގޮތަށް ނިންމީއެވެ.

އިޒްރޭލަށް ލިބިފައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި ކޮމާންޑަރ ޝަހީދު މުހައްމަދު އައްޟައިފް ވަނީ ވަރަށް ފަރުވާތެރިކަމާއެކު ޒަޔަނިސްޓުންގެ ހަރަކާތްތައް ދިރާސާ ކުރައްވައި ފަރުވާތެރިކަމާއެކު ޙަމަލައިގެ ތައްޔާރީތައް ކުރިއަށް ގެންދަވާފައެވެ.

އިޒްރޭލުން ހިންގަމުން ގެންދާ ތަހުގީގުން ދައްކާ ގޮތުގައި އިޒްރޭލު ސިފައިންނާއި ޖާސޫސީ ފަރާތްތަކުން ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ދަންވަރު 3:00 ހާއިރު، ހިފާފައިވާ ފަލަސްޠީނުގެ ދެކުނު ސަރަހައްދުގެ ކޮމާންޑްގެ ލީޑަރުންގެ ފެންވަރުގައި ބައްދަލު ވުމެއް ބާއްވައި ސަލާމަތީ ހާލަތު ދިރާސާކޮށްފައެވެ. އެ ބައްދަލުވުމުގައި އިޒްރޭލުން ޖޫސްގެ މުހިންމު އީދެއް ފާހަގަ ކުރުމަށް ނިންމާފައިވާތީ، ޒަޔަނިސްޓު ދައުލަތަށް ޙަމާސްގެ ފުށުން ނުރައްކަލެއް އޮތްތޯ ވަޒަން ކޮށްފައި ވެއެވެ. މި ވަޒަން ކުރުމުން ދެއްކީ ޒަޔނިސްޓުންނަށް ޙަމާސްގެ ފުށުން ނުރައްކަލެއް ނެތް ކަމަށެވެ. އަދި ޙަމާސްގެ ޙަމަލައެއް ނާންނާނެ ކަމަށެވެ.

މި ކަމާ ގުޅޭ މައުލޫމާތު މިހަފްތާއިން ފެށިގެން އިޒްރޭލު މިޑިއާއިން ހާމަ ކުރަން ނިންމާފައި ވެއެވެ.

އިޒްރޭލަށް ލިބިފައިވާ އޯޑިއޯ ވީޑިއޯއާއި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ޤައްސާމް ބްރިގޭޑްގެ ކުރީގެ ކޮމާންޑަރ އިން ޗީފް ޝަހީދު، މުހައްމަދު އައްޟައިފް ވަނީ ޙަމަލަ ދިނުމުގެ ކުރިން އޮޕަރޭޝަން ކުރިއަށް ގެންދިއުމާ މެދު ފުންކޮށް ވިސްނަވާފައެވެ.

ޟައިފް ދެކެވަޑައިގަތް ގޮތުގައި އިޒްރޭލު ސިފައިން ހިމޭނުން ތިބުމަކީ ޙަމާސްއަށް އޮޅުވާލުމަށް ގަސްތުގައި ގެންގުޅޭ ހިމޭން ކަމެކެވެ.

އިޒްރޭލު މީޑއާއިން ބުނަނީ، 2 ކަމެއް ފާހަގަ ވެއްޖެނަމަ، އަޤްޞާ ޠޫފާންގެ އޮޕަރޭޝަން ކުރިއަށް ނުގެންދަވައި ކެންސަލް ކުރެއްވުމަށް ޝަހީދު މުޙައްމަދު ޟައިފް ނިންމަވާފައެވެ.

ފުރަތަމަ ކަމަކީ ޣައްޒާގެ މަތިން އިސްރާއީލުގެ ޑްރޯންތައް ފެނުމެވެ. އަދި ދެވަނަ ކަމަކަށް، ޒަޔަނިސްޓުންގެ ޣައްޒާ ޑިވިޝަންގެ ޓޭންކްތަކުގައި ސިފައިން ހަރަކާތްތެރިވާން ފެށުމެވެ.

މިއިން ހިނގާތޯ ބަލައި ޤައްސާމީން އެލާޓަށް ގެނައުމަށް އޭނާ ހަނގުރާމަވެރިންނަށް އިރުޝާދު ދެއްވައި، ހާލަތު ވަޒަން ކުރައްވަމުން ގެންދެވިއެވެ.

އަދި އަޤްޞާ ޠޫފާން ކުރިއަށް ގެންދިއުމަށް އެންމެ ފަހު އޯޑަރު ދެއްވުމުގެ ކުރިންވެސް، "ޑްރޯންތައް ފެނޭ ހެއްޔެވެ؟" ޟައިފް ސުއާލު ކުރެއްވިއެވެ.

ޖަވާބުގައި ބުނެފައި ވަނީ: "އެއްވެސް ކަމެއް ނެތް" ކަމަށެވެ!.

އެއަށްފަހު، އަސްކަރީ އަދި ސަލާމަތީ ހުރިހާ މައުލޫމާތެއް ކަށަވަރު ކުރެއްވުމަށް ފަހު، އަޤްޞާޠޫފާންގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އޭނާ ހުރިހައި ޔުނިޓުތަކަށް އަމުރު ކުރެއްވި އެވެ.

އިޒްރޭލު މީޑިއާއަށް ލިބިފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ހަމާސްއިން އިޒްރޭލާ ދެކޮޅަށް ވަރުގަދަ ޙަމަލައެއް ދޭން އުޅޭކަމަށް 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް ޒަޔަނިސްޓުން ލަފާ ކުރިއެވެ.

އެއިރު ލިބުނު މައުލުމާތުން އިޒްރޭލުން ލަފާ ކުރީ ހަމާސްއިން ޒަޔަނިސްޓުންގެ ޣައްޒާ ބަލަހައްޓާ ބެޓެލިއަންއަށް ހަމަލަދޭނެ ކަމަށާއި އެހަމަލައިން ބެޓެލިއަން އެއްކޮށް ނުކުޅައްދާލަފާނެ ކަމަށެވެ.

އިޒްރޭލުން ލަފާ ކުރަނީ، މިކަން ބޭޒާރުވުމުން ހަމާސްއިން ހަމަލަ ކުރިއަށް ނުގެންގޮސް އިތުރަށް ވަރުގަދަ ކުރުމަށް ނިންމައި ލަސްކުރީ ކަމަށެވެ.

މި މައުލޫމާތު ދިރާސާ ކުރުމުގައި ބައިވެރިވި އިސް އޮފިސަރަކާ ހަވާލާދީ ބުނެފައި ވަނީ ލިބިފައި ހުރި މައުލޫމާތުން އިޒްރޭލު، މާޔޫސްކޮށްލައި ހައިރާންކޮށްލައި ސިއްސުވާލާ ކަމަށެވެ. "މިވަރުގެ ކަމެއް ރާވަމުން ދިޔައިރު ސިފައިންނާއި ޖާސޫސީ އިދާރާތަކުގެ ވެރިންނަށް ތިބި ބަޔަކަށް އެކަން ނޭނގޭނަމަ އެބަޔަކު އެ މަގާމުތަކުގައި ތިބުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟" އިޒްރޭލު މީޑިއާއަށް މި ތަހުގީގުގައި އުޅޭ އިސްފަރާތަކުން ބުންޏެވެ.