އޮޕަރޭޝަން ކުރަނގީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އައި.އޯ.އެމްގެ ފަރާތުން ލެޕްޓޮޕްތަކެއް މިއަދު ހަދިޔާކޮށްފިއެވެ.
މި ލެޕްޓޮޕްތައް ހަދިޔާކޮށްފައިވަނީ ހުޅަނގު ދެކުނު އޭޝިއާގައި ޖެހޭ ބަލިތައް ފެތުރުން މަދުކުރުމުގެ ގޮތުން ބޯޑަރު ކޮންޓްރޯލް ކުރުމުގެ ޤާބިލްކަން ހަރުދަނާ ކުރުމުގެ މަޝްރޫއުގެ ދަށުން އައި.އޯ.އެމް (އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން) އާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީއާ ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
އައި.އޯ.އެމްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޗީފް އޮފް މިޝަން، ކްރިސްޓިން ޕަރކޯ އަދި ސީނިއަރ ޕްރޮގްރާމް މެނޭޖަރ ޝަންތާ ކުލަސެކަރައެވެ.
އަދި ޑިޕާޓްމަންޓް އޮފް ފޮރިންގ ލޭބަރގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަބްދުލްމަޖީދު އިބްރާހީމްއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ސަރުކާރުން ފެއްޓީ މިދިޔަ އަހަރުގެ މެއި މަހުގެ 2ވަނަ ދުވަހުއެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނުވަތަ ފޮޓޯ އަދި އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައި ހުރި ޤާނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަދާހަމަކުރުމުގެ އެންމެ ފަހު ތާރީޚަކީ މިއަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ހިއްސާ ނުކުރާ ބިދޭސީން ދިވެހިރާއްޖެއިން ޑީޕޯޓްުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް އަތޮޅުތަކުގައި ކުރަމުންދަނީ ކައުންސިލްތަކާއި ގުޅިގެންނެވެ. މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި މިމަސައްކަތް މާރިޗު މަހުގެ 1ވަނަ ދުވަހުގެ ކުރިން ނިންމާލުމަށް އެވުޒާރާއިން ވަނީ އަންގާފައެވެ. އެހެން ކަމުން ވަޒީފާ ދޭ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލާއި ގުޅިގެން މިމަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ދާޚިލީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ރިސޯޓުތަކާއި ސަފާރީތަކާއި، ސިނާޢީ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ މައުލޫމާތު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގައި ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރަށް ނުވަތަ އެނޫންނަމަ އެ ބިދޭސީއެއް މަސައްކަތް ކުރާ ސައިޓަކާއި އެންމެ ކައިރި ކައުންސިލް އިދާރާއަކާއި ގުޅިގެން އެމަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިމުއްދަތުގެ ތެރޭގައި ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ހިއްސާ ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމުގެ އިންޒާރު ދާޚިލީ ވުޒާރާއިން ވަނީ ދީފައެވެ.
https://sarukaaru.gov.mv/articles/7315