އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) އަލްފާޟިލް އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް އަދި އެމަނިކުފާނުގެ ޓީމް މިއަދު ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އެމް.ޓީ.ސީ.ސީގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހދ. އަތޮޅުގައި މިހާރު ކުރިއަށްދާ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުންނެވެ. މި ބައްދަލުވުމަކީ އަތޮޅުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެފަރާތުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މުހިންމު ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.
އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި ހދ. އަތޮޅުގެ ރަށްތަކުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތާއި، ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި މަޝްރޫޢުތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.