ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޖަޕާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ޖަޕާނުގެ އެމްޕެރާ ހިޒް މެޖެސްޓީ ނަރުހިތޯ އަދި ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ ޝިގެރޫ އިޝިބާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ޖަޕާނުގެ އެމްޕެރާއަށާއި ބޮޑުވަޒީރަށް ވަކި ވަކިން ރައީސުލްޖުމްހޫރިއްޔާފޮނުއްވި ސިޓީފުޅުތަކުގައި، ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއްޤައުމު އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރައީސް ވަނީ ޖަޕާނުގެ އެމްޕެރާއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކާއި އުފާފާގަތިކަމާއި، ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
ޖަޕާނުގައި ގައުމީދުވަސް ފާހަގަ ކުރަނީ، އެ އިރެއްގައި ޖަޕާނުގެ އެމްޕެރާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. އެގޮތުން މިހާރު ޖަޕާނުގެ ގައުމީ ދުވަސް ފާހަގަކުރަނީ ފެބުރުވަރީ 23 ގައެވެ.