ބްރޫނާއީ ދާރުއްސަލާމްގެ ގައުމީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެ ގައުމުގެ ސުލްތާން، ހާޖީ ހަސަނުލް ބުލްކިއާ މުއިއްޒައްދީން ވަދާއުﷲ އަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެ މަނިކުފާނު ވަނީ، ދިވެހިރާއްޖެއާއި ބްރޫނާއީއަކީ ގާތް އަދި އެކުވެރި ގުޅުމެއްގެ ދިގު މާޒީއެއް އޮތް ދެ ގައުމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެއްބާރުލުމާއި އަހުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މެސެޖުގައި، ބްރޫނާއީގެ ސުލްތާނަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އުހުއްވަތްތެރި ބްރޫނާއީ ދާރުއްސަލާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ދިވެހިރާއްޖެއާއި ބްރޫނާއީ ދާރުއްސަލާމާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 31 މާރޗް 1984 ގައެވެ.