ރ. ފައިނުގައި މި ސަރުކާރުން އަޅާނެކަމަށް ވައުދުވި އެއާޕޯޓު ތަރައްގީކުރުމަށް ޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެއަރޕޯޓް ތަރައްޤީ ކުރަނީ ބެލެނިވެރި ފަރާތެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އޮވެގެންނެވެ.
އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.
ފައިނުގައި އެއަރޕޯޓެއް އަޅުއްވާނެކަމަށް ފުރަތަމަ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެކަމަކު 2018 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ވެރިކަމާ ހަވާލުވެ، ފައިނުގައި އެއަރޕޯޓް އެޅުމުގެ ބަދަލުގައި އެއަތޮޅު ބެރިޔަންފަރުގައި އެއަރޕޯޓް އެޅުމަށް ނިންމިއެވެ. ފައިނުގައި އެއަރޕޯޓް އަޅުއްވާނެކަމަށް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ.