މި ރަމަޟާން މަސް ވެގެން މިދަނީ ފަހުގެ ތާރިހެއްގައި، ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގު މަތިވިޔަނުދީ އެއްވަރެއްގައި ސަރުކާރުން ހިފެހެއްޓި ފުރަތަމަ ރަމަޟާން މަހަށެވެ.
ލޮނުމެދު ފިޔަވައި، މައިގަނޑު ގޮތެއްގައި ދިވެހިން ބޭނުންކުރާ އެހެން އެއްވެސް ބާވަަތެއްގެ އަގު މި ރޯދަމަހު އުފުލިފައެއް ނުވެއެވެ. ބާޒާރުގައި ކާބޯތަކެތީގެ އަގު ބޮޑު ވިޔަނުދީ ހިފެހެއްޓުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުންދާ ކުންފުންޏަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.
ކަނޑުމަގުން މާލޭ ވިޔަފާރި ބަނދަރަށް އެތެރެކުރާ ކާބޯތަކެތި އަވަހަށް ކްލިއަރ ކޮށްދިނުމުގައި އެކުންފުނީގެ މުވައްޒަފުން ގެންދަނީ ވަރުބަލިކަމެއް ނެތި ގަދަ ހިތްވަރެއް ކުރަމުންނެވެ.
އެމްޕީއެލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ އެކުންފުނިން އެންމެގިނައިން ކްލިއަރ ކޮށްދީފައި ވަނީ ކުކުޅު ބިހެވެ. 2214 ކޭސް ކުކުޅު ބިސް އެމްޕީއެލްއިން އިއްޔެ ވަނީ ކްލިއަރ ކޮށްދީފައެވެ. މީގެ އިތުރުން 843 ބަސްތާ ފިޔާ، 279 ބަސްތާ ކާށި، 1469 ބަސްތާ އަލުވި، 153 ބަސްތާ ބަރަބޯ، 224 ގަނޑު ފަތްކެޔޮ، 875 ބަސްތާ ކަރާ އަދި 553 ފޮށި ޓޮމާޓޯ އެމްޕީއެލްއިން އިއްޔެ ވަނީ ކްލިއަރ ކޮށްދީފައެވެ.
މިތަކެތީގެ އިތުރުން 40 ފޫޓުގެ 65 ކޮންޓެއިނަރާއި 20 ފޫޓުގެ 73 ކޮންޓެއިނަރުވެސް އެމްޕީއެލްއިން އިއްޔެ ކްލިއަރ ކޮށްދީފައިވާކަން ފާހަގަ ކޮށްލެވެއެވެ.