ރަށްރަށުން ފެރީ ލާންޗްތަކުގައި އަންނަ މީހުން މާލެއަށް އަރައި ފޭބުމުގައި އުފަލަން ޖެހިފައިވާ ދަތި އުނދަގޫ ދުވަސްތައް ނިމުމަކަށް ގެންނަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީއިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، އެކުންފުނިން އޮޕަރޭޓް ކުރަމުން އަންނަ ހެންވޭރު ޓާމިނަލް އާއި ހުޅުމާލޭ ފެރީ ޓާމިނަލް ބޭނުން ކުރުމުގެ ހުއްދައަށް އެދި ހުޅުވާލި ފުރުސަތުގައި ލާންޗް ފެރީ އޮޕަރޭޓް ކުރާ 7 ފަރާތުން ހިދުމަތް ހޯދުމަށް އެދިފައިވާ ކަމަށެވެ.

ހިދުމަތް ހޯދުމަށް އެދިފައިވާ ރަށްތައް:

ބ.ތުޅާދޫ، ބ.ފެހެންދޫ، ބ.ގޮއިދޫ، ބ.ފުޅަދޫ، ބ.ހިތާދޫ، ކ.ކާށިދޫ، ކ.ގާފަރު، ކ.ގުޅި. ކ.ގުރައިދޫ، ކ.މާފުށި، އދ.ފެންފުށި، އދ.މާމިގިނލި، އދ.ފެންފުށި އަދި އދ.ދިއްދޫ

ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

އެމްޓީސީސީއިން ރާވާފައި ވަނީ ހެންވޭރު ޓާމިނަލް އާއި ހުޅުމާލޭ ޓާމިނަލް ބޭނުންކޮށްގެން ދުވާލަކު 15 ލާންޗަށް ހިދުމަތް ދިނުމަށެވެ. އެއީ ގާތްގަނޑަކަށް ދުވާލަކަށް 2000 އެއްހައި ފަސިންޖަރުންކަމަށް އެމްޓީސީސީއިން އަންދާޒާ ކުރެއެވެ.

އެމްޓީސީސީއިން ވިދާޅުވީ ހެންވޭރު ޓާމިނަލުން އެއްފަހަރާ 5 ލާންޗަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ހުޅުމާލޭ ޓާމިނަލުން އެއްފަހަރާ 3 ލާންޗަށް ހިދުމަތް ދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

ކޮންމެ އުޅަނދަކަށް މީހުން ބޭލުމަށް އަދި މީހުން އެރުވުމަށް ޖެޓީއާ ކައިރި ކޮށްފައި ބޭއްވުމަށް 30 މިނެޓް ލިބޭނެ ކަމަށާއި ދަތުރުވެރިން ޓާމިނަލަށް އައިސް ފުރުމާ ދެމެދު ޓާމިނަލް ތެރޭގައި މަޑުކޮށްލާނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެމްޓީސީސީއިން ވަނީ ހާމަކުރައްވާފައެވެ. އަދި ދަތުރުވެރިންނަށް ފަސޭހައިން ފާހާނާ ކުރެވޭނެ އިންތިޒާމާއި ބޯފެން ލިބޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޓާމިނަލްގެ ހިދުމަތް ހޯދާ ފަސިންޖަރުންގެ ހިޔާލާއި މަޝްވަރާ ހޯދައި ހިދުމަތްތައް އިތުރަށް ރަނގަޅު ކުރާނެކަމުގެ ޔަގީންކަން އެމްޓީސީސީއިން ވަނީ ރައްޔިތުންނަށް ދީފައެވެ.