އެމެރިކާއިން ޔޫކްރޭނަށް ޖާސޫސީ މައުލޫމާތު ހިއްސާކޮށް ސަލާމަތީ އެހީތެރިކަން ދޭން އަލުން ފަށާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފިއެވެ. މިކަން އިއުލާންކޮށްފައިވަނީ ސައުދީ އަރަބިއްޔާގައި ބާއްވާފައިވާ މަތީ ފެންވަރުގެ މަޝްވަރާތަކަށް ފަހު ހަނގުރާމަ ހުއްޓާލުމަށް ކިއޭވް އިން އެއްބަސްވުމުންނެވެ.

މިއީ ތިން އަހަރުގެ ހަމަނުޖެހުމަށް ބަދަލެއް އައުމުގެ އިޝާރާތެއް ކަމަށް ބެލެވެއެވެ. މަޝްވަރާތަކުގައި ޔޫކްރޭނުން އެއްބަސްވީ ވަގުތީ ގޮތަށް ހަނގުރާމަ ހުއްޓާލުމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ރަޝިޔާއިން ގަބޫލުކޮށް ތަންފީޒުކޮށްފިނަމަ ދެފަރާތުގެ އެއްބަސްވުމަކުން މުއްދަތު އިތުރުކުރެވިދާނެ ކަމަށް ބަޔާނުގައިވެ އެވެ.

އެމެރިކާގެ ވަފުދުގައި އިސްކޮށް އުޅުއްވި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ސިފަކުރެއްވި ގޮތުގައި މި ހުށަހެޅުމަކީ "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމްކޮށް، ދެމިއޮންނަ އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ކޯޅުން ނިންމާލުމަށް މަޝްވަރާތައް ފެށުމަށް" ލިބުނު ފުރުސަތެކެވެ. އޭނާ އިތުރަށް ވިދާޅުވީ "ބޯޅަ އޮތީ ރަޝިޔާގެ ކޮޅުގައި" ކަމަށާއި، އެ ކަމަށް މޮސްކޯއިން އަވަހަށް އެއްބަސްވާނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ.

ރޫބިއޯ ނޫސްވެރިންނަށް ކަށަވަރުކޮށްދިން ގޮތުގައި މި ހުށަހެޅުމުގައި ގޮވާލާފައިވަނީ ސަރަހައްދު ގެ އިން ވަކިކުރާ ލައިން ހުރަސްކޮށް ހިންގާ ހަމަލަތައް ފުރިހަމައަށް ހުއްޓާލުމަށެވެ. "އެދުމަކީ ބަޑިޖެހުން ހުއްޓާލުން،" ކަމަށް ވިދާޅުވިއެވެ.

އަދި މަޝްވަރާތަކަކީ ސުލްހައަށް އޮތް ހަމައެކަނި މަގު ކަމަށް ބާރުއަޅުއްވަމުން އޭނާ ވިދާޅުވީ "ޔޫކްރޭން އޮތީ ބަޑިޖެހުން ހުއްޓާލައި ވާހަކަ ދައްކަން ފެށުމަށް ތައްޔާރަށް،" ކަމަށެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޯލްޓްޒް ވެސް ވިދާޅުވީ މި މަޝްވަރާތަކުގައި ހަނގުރާމަ ދާއިމީކޮށް ހުއްޓާލައި މައްސަލަ ހައްލުކުރެވޭނެ ގޮތާއި ޔޫކްރޭނަށް ދިގު މުއްދަތުގެ ޔަގީންކަން ލިބޭނެ ގޮތްތަކަށް ބަލާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިޔާއާ ވާހަކަ ދައްކަން ރާވާފައިވާއިރު، ރޫބިއޯ ބައިވެރިވެ ވަޑައިގަންނަވާ ޖީ7 ގެ ޚާރިޖީ ވަޒީރުންނާ މަޝްވަރާ ކުރައްވައިގެން ބައިނަލްއަގްވާމީ ތާއީދު ހޯއްދަވާނެ އެވެ.

މި މަޝްވަރާތަކުގައި ޔުކްރެއިންގެ ނާދިރު މައުދަންތަކަށް އެމެރިކާއިން ވެރިވެގަތުމާ ބެހޭ ގޮތުން އެމެރިކާ އާއި ޔޫކްރޭންއާ ދެމެދު ވަކި އެއްބަސްވުމެއް ހެދުމަށް ވާހަކަ ދެކެވިފައެއް ނުވެއެވެ.

ޒެލެންސްކީގެ އެންމެ އިސް މުޝީރު އަދި ޔޫކްރޭންގެ ވަފުދުގެ ބައެއް ކަމަށްވާ އަންޑްރީ ޔަރްމާކް ވަނީ މި ބައްދަލުވުމަކީ "ބިނާކުރަނިވި" ބައްދަލުވުމެއް ކަމަށް ވިދާޅުވެ، ކިއެވްގެ މަސްލަހަތު ހިމާޔަތްކުރުމާއި "އަދުލުވެރި ސުލްހައެއް" ހޯދުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށް ވިދާޅުވެފައެވެ.

މި އެއްބަސްވުމަކީ އެމެރިކާއާއި ޔޫކްރޭންގެ ގުޅުން ހަފްތާތަކެއް ވަންދެން ގޯސްވެފައި ވުމަށް ފަހު ޓްރަމްޕްގެ ޕްރެޝާއަށް ފަހު އަލުން ރަނގަޅުވާން ފެށިކަމުގެ ނަތީޖާއެކެވެ.