ރާއްޖެއިން ކޮވިޑް ޖެހިގެން 65 ވަނަ މީހަކު މަރުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ 79 އަހަރުގެ އަންހެނަކު މިރޭ އިރާކޮޅުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ފަހަކަށް އައިސް ކައިރި ކައިރީގައި ގިނަ ބަޔަކު މަރުވެފައިވެ އެވެ.

މި ބައްޔަށް މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން ދިޔުމަށްފަހު އަނެއްކާވެސް މަތިވާން ފަށައިފި އެވެ. މަތިވާން ފެށީ އާންމު ރައްޔިތުން އެޗްޕީއޭގެ އެންގުންތަކަށް ފުރިހަމައަށް ތަބާނުވާތީ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ރާއްޖެއިން މިއަދު 186 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މިވަގުތު 2،433 އެކްޓިވް ކޭސް އެބަހުއްޓެވެ.