އިނގިރޭސިވިލާތުގެ ވެބްސައިޓް މީޑިއަލް އީސްޓް އައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫއޭއީ އާއި ޤަތަރާއި ސައުދީ އަރަބިއްޔާއިން ގާތް ގުޅުން ބާއްވަމުން ގެންދާ ޔަހޫދީ ޒަޔަނިސްޓުންގެ ކުންފުނިތަކަކީ، ހިފާފައިވާ ފަލަސްތީނުގައި އާބާދީތައް ބިނާކުރުމުގެ މަސައްކަތުގައި އުޅެގެން، އދ.ން ބްލެކްލިސްޓްކޮށްފައިވާ ކުންފުނިތަކެވެ.
އެ ވެބްސައިޓުން ކުރި ތަހުގީގެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި މި އަރަބި، އިސްލާމީ، ސުންނީ، 3 ގައުމަކީ އެމެރިކާގެ ޖަރޑް ކުޝްނާ ހިންގާ ފައިސާ އަނބުރާ ކުންފުންޏެއް ކަމަށްވާ އެފިނިޓީ ޕާޓްނަރސްގެ މައިގަނޑު ސަޕޯޓަރުންނެވެ.
މީޑިއަލް އީސްޓް އައިގެ ތަހުގީގުގައި އިތުރަށް ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރި އަދި މެދުއިރުމަތީގެ ކުރީގެ އެޑްވައިޒަރު ޖަރޑް ކުޝްނާ 2021 ވަނަ އަހަރު އެފިނިޓީ ޕާޓްނަރސް ކުންފުނި ލޯންޗުކުރި ފަހުން ގަލްފްގެ ގައުމުތަކުގެ ސަރުކާރުތަކުގެ ސޮވަރިން ވެލްތު ފަންޑުތަކުން އެކުންފުންޏަށް އިންވެސްޓް ކުރުމަށް އެތައް ބިލިއަން ޑޮލަރެއް ދީފައިވާ ކަމަށެވެ.
ޤަތަރު އިންވެސްޓްމަންޓް އޮތޯރިޓީއާއި އަބޫދާބީގައި ހުންނަ އިންވެސްޓްމަންޓް ކުންފުނިތަކުން އިތުރު ފައިސާ ހޯދުމަށްފަހު ޖެނުއަރީ މަހު އެފިނިޓީން ވަނީ އިޒްރޭލުގެ ފީނިކްސް ފައިނޭންޝަލް ކުންފުނީގެ ގާތްގަނޑަކަށް %10 ހިއްސާ ގަތުން ނިންމާފައެވެ. ފީނިކްސް އަކީ އިންޝުއަރެންސް އަދި އެސެޓް މެނޭޖްމަންޓްގެ ހިދުމަތް ފޯރުކޮށްދޭ އިޒްރޭލުގެ މާލީ ޚިދުމަތް ދޭ ގްރޫޕެކެވެ.
ތަހުގީގުން އެނގުނު ގޮތުގައި މި ފީނިކްސް ގްރޫޕުގައި ހިމެނެނީ 11 ކުންފުނިތަކަކާއި ޔަހޫދީ ސަރުކާރު ހިއްސާވާ ބަންޑާރަ ކުންފުންޏެކެވެ. މިއިން އެއް ކުންފުންޏަކީ، ގޯލާންގެ އުސްބިންތަކާއި ހިފާފައިވާ ޤުދުސްއާއި ޔަހޫދީ ސެޓްލަރުން ހުޅަނގު އައްސޭރީގައި ހިންގާ ޓެރަރިސްޓް އަމަލުތަކަށް ވާގިވެރިވާތީވެ، އިންސާނީ ހައްގުތަކާ ބެހޭ އދގެ ހިއުމަންރައިޓްސް ކޮމިޝަނަރގެ އޮފީހުން، ބްލެކް ލިސްޓްކޮށްފައިވާ ކުންފުންޏެކެވެ.
މި ކުންފުނިތަކަކީ، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާއި، ދަތުރުފަތުރާއި، ހަކަތަ، އިންޖިނިއަރިން، އަދި ރީޓެއިލްގެ ދާއިރާއިން ވިޔަފާރި ކުރާ ކުންފުނިތަކެވެ.
މާޗް 12 ވަނަ ދުވަހު މީޑިއަލް އީސްޓް އައި އިން ރިވިއުކުރި ޓެލް އަވީވް ސްޓޮކް އެކްސްޗޭންޖްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފީނިކްސްގެ ތެރޭގައި ހިމެނޭ، 11 ކުންފުނީގައި ގާތްގަނޑަކަށް 4.5 ބިލިއަން ޑޮލަރުގެ ފައިސާ އަނބުރަމުން ގެންދެވެ. ފީނިކްސްއަކީ އަހަރަކު 2 ބިލިއަން ފައިދާއަށް ލިބޭ ގްރޫޕެކެވެ.
މީޑިއަލް އީސްޓް އައި އިން ބުނެފައި ވަނީ، އިޒްރޭލުގެ އެންމެ އާރުލާ މާލީ ކުންފުނީގެ އެންމެ ބޮޑު ޙިއްސާދާރަކީ، އަރަބިން އިންވެސްޓް ކޮށްފައިވާ ކުޝްނަރގެ އެފިނިޓީ ކަމަށެވެ.
ކުޝްނަރަކީ، ސައުދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނާ ގާތް ގުޅުންތަކެއް ބާއްވާ ފަރުދެކެވެ. ކުޝްނަރަކީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިންދާފައިވާ ޒަޔަނިސްޓުންގެ ސަރުކާރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގުޅުވައިދީގެން އިބްރާހީމީ މުއާހަދާގެ ނަމުން ހެދި މުއާހަދާގެ މޭސްތިރިއެވެ.
ކުޝްނަރަކީ، ލަދެއް ނެތި، ޒަޔަނިސްޓުން ފަލަސްޠީނުގެ ބިންތައް ހިފުމަށް ތާއީދުކޮށް ވާހަކަދައްކާ އަދި ޒަޔަނިސްޓުންގެ އިގްތިސާދުގައި އިންވެސްޓު ކުރުމަށް ބާރުއަޅައި ވާހަކަ ދައްކާ މީހެކެވެ.
ކުޝްނަރުގެ އެފިނިޓީން ވަނީ ޒަޔަނިސްޓުން ޣައްޒާއާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ދިޔައިރު، މިދިޔަ ޖުލައި މަހު، ފީނިކްސްގެ ފުރަތަމަ 4.95 އިންސައްތަ ހިއްސާ (130 މިލިއަން ޑޮލަރު) އަށް ގަތުމަށް ނިންމާފައެވެ. މި މުއާމަލާތު ފުރިހަމަ ވެފައި ވަނީ ޖަނަވަރީ 20ގައެވެ.