(ދެން އެ ހަނދުވަރުން ލިބޭނެ އުފަލެއް ނެތެވެ.)

ލިޔުނީ: ނިރު، ޝާހީން މުޙައްމަދު

"އެ ކޮޅަށް ދެވުނީމަ ގުޅާނަން! ބައި!"

އިފާ ފޯނު ކަނޑައިލިއެވެ. ހަމަ އެކަނި ކަނޑައިލީކީ ނޫނެވެ. ނިއްވާ ވެސް ލީއެވެ. ޝައިބާއަށް ޔަގީނެވެ. އަދި ފްލައިޓް ނައްޓާލާކަށް ނޫޅޭނެއެވެ.

އިފާ ގެއަށް ދިޔައީ އޭގެ ކުރިން މާލެ ދާ ވާހަކަ މަންމަ ގާތު ބުނެ ވެސް ނުލައެވެ. އެހެންކަމުން ގެއަށް ދާން ޖެހުނީވެސް ޓެކްސީއެއްގައެވެ.

އިފާގެ މަންމައަށް ގޮވަމުން އިފާ ގޮސް ހުއްޓުނީ މަންމަގެ ކޮޓަރީގެ ކުރިމަތީގައެވެ.

ނިދިފައި އޮތް އިފާގެ މަންމައަށް ހޭލެވުނީ ވެސް ތަންކޮޅެއް ގިނައިން އިފާ ގޮވި ފަހުންނެވެ. އެއީ އިފާގެ އަޑުކަން އެނގުނު ހިސާބުން އިފާގެ މަންމަ ކޮޓަރި ހުޅުވަން އައީ ވެސް ދުވެފައެވެ.

"އަހަނ! ދަރިފުޅު!" އިފާ ފެނުމުން މަންމަގެ މައިވަންތަކަމުގެ ލޯބި ބަންޑުން ވެގެން އައި ކަހަލައެވެ. އިފާ ގައިގާ ބައްދައިލީ ނިކަން ލޯބިންނެވެ.

"ކީއްވެތަ އަންގާވެސް ނުލާ އައީ! ދަރިފުޅު ކިހިނެއްތަ ގެއަށް އައީ! ޓެކްސީގަ؟"

އެއްފަހަރާ އެތައް ސުވާލެއް މަންމަ ކުރި އިރު ވެސް އިފާ ހުރީ މަޑުންނެވެ. ދުލުގައި ބަސް ހުސް ވެފައި ހުރި މީހެއް ފަދައިން އިފާ ހުރީއެވެ.

"ދަރިފުޅު ބަލިތަ! ކިހިނެއްވެފަ ތިހިރީ!"

އިފާގެ ފަރާތުން ތަފާތުކަމެއް ފާހަގަ ކުރެވިގެން އިފާގެ މަންމަ ރަނގަޅަށް އިފާއަށް ބަލައިލިއެވެ. އިފާގެ ވަށައިގެން ދެ ތިން ބުރު ޖެއްސެވެ. އިފާގެ މޫނު ހިއްލާލައިގެން ބެއްޔެވެ. އަތްތިލާގަ ހިފާ ފިތާލައިގެން ޗެކްކުރިއެވެ. ހުންހުރިތޯ ވެސް ނިތުގައި ވެސް އަތްލިއެވެ.

"މާ ދަންވަރު ނުނިދާ ހުރީމަ ކަމަށް ވާނީ! ވަރަށް ވަރުބަލި! ނިދާލަން ކޮޓަރިއަށް މިދަނީ!"

އިފާގެ މަންމަ ކަންބޮޑުވެފައި ހުރި ވަރު ފެނުމުން އިފާއަށް މަޖުބޫރުވީ އެއްވެސް ކަމެއް ނުވާކަން ދައްކާށެވެ.

"އުހުނ! އެއްޗެއް ނުކައި ނިދައިގެން ނުވާނެ! ހިނގަ ކާން!"

އިފާ ކުރިއަށްވުރެ ހިކިކަމަށް އިފާގެ މަންމައަށް ގަބޫލުކުރެވުމުން ދަރިފުޅަށްޓަކައި ހިތުގައި ޙަމްދަރުދީ އުފެދިގެން އައެވެ. ރަށްރަށުން ރަނގަޅު ކާއެއްޗެހި ނުލިބެނީއޭ އިފާގެ މަންމަ ހިތަށް އެރިއެވެ.

ޝައިބާމެންގެ ރަށުން އައިފަހުން އިފާ ފެންނަނީ މުޅިން އެހެންމީހެއްގެ ގޮތުގައެވެ. ކުރިން ސަކަރާތްޖަހަން އާދަވެފައިވާ އިފާ ކޮޓަރިން ނިކުމެލާނީ ވެސް މަދު ފަހަރަކުއެވެ. ކުރިންނަމަ ތަފާތު ރެސްޓޯރަންޓްތަކުން ކެއުމުގެ ރަހަ ބެލުމަކީ އިފާގެ ހޮބީއެއްކަހަލައެވެ. އެކަމަކު މިހާރު ގެއިން ބޭރަށް ދާން އިފާ އިންކާރުކުރެއެވެ. އުޒުރަކަށް ދައްކަނީ ކޮވިޑު ނަވާރައެވެ. މި ވަގުތަށް ގަބޫލުކުރެވޭނެ ހަމަ އެކަނި ޢުޒުރެވެ. ފެންވެރިއަސް ރީތި ވެލާ ސިޓިންރޫމަށް ނިކުމެ މަންމައާ ބައްޕައާ އެކު ވަގުތުކޮޅެއް ހޭދަކުރުމަކީ ވެސް އިފާ މިހާރު އެއްވެސް ޝައުގެއް ހުރި ކަންކަމެއް ނޫނެވެ. އަބަދުވެސް އިފާގެ މަންމައަށް ފެންނަނީ މޫނުމަތީގެ ކުލަ އޮއްސިފައިވާ ދިރުމެއް ނެތް، ޙަރަކާތެއް ނެތް އިފާއެކެވެ. އިފާގެ ހަށިގަނޑުތެރޭ ވޭނެއް އުދާހެއް ހިނގަނީ ބާވައެވެ.

އިފާގެ ޙާލަތާމެދު އިފާގެ މައިން ބަފައިން އެތައް ފަހަރަކު އިފާއާއި ވާހަކަ ދެއްކިއެވެ. ސުވާލު ކުރިއެވެ. އިފާގެ ޖަވާބަކީ ކަމެއް ނުވާކަމަށެވެ. އެހެންނަމަވެސް އެ ޖަވާބު އިފާގެ ދުލުން ބޭރުވާ އިރުވެސް އެ ދެލޮލުގައި ދިރިއުޅުމުގެ އުންމީދެއް ނެތްވަރު އެ މަންމައަށާ ބައްޕައަށް ފާހަގަ ކުރެވެއެވެ. ބަލިވީކަމަށް ބަލާ ޑޮކްޓަރަށް ދައްކާލަން ދާން ބުނުމުން ވެސް އިފާގެ ޖަވާބަކީ ބަލި ނޫންކަމެވެ.

"ހިނގާބަލަ ޝައިބާއަށް ގުޅަމާ! އަހަރެމެންގެ އިފާއަށް ވީ ކަމެއް ވީ އެކޮޅަށް ގޮސްގެން! މިތަނުން ފުރިއިރު ވެސް ނުލާހިކު ރަނގަޅަށް ހުރި ކުއްޖެކޭ މީ!"

ކަރުނަވީ ލޮލަކުން ފިރިމީހާއާ ދިމާއަށް ބަލަން އިނދެގެން އިފާގެ މަންމަ ވާހަކަ ދެއްކީ އިފާގެ ބައްޕައާއެވެ.

"އިފާއަތުން ޝައިބާގެ ނަންބަރު ވެސް ލިބިގެންތާ ގުޅޭނީ ވެސް!"

އިފާގެ ބައްޕަ ވެސް ހުރީ ނުލާހިކު ކަންބޮޑުވެފައެވެ.

"މަގޭ ފޯނުގަ އޮންނާނެ ޝައިބާ ނަންބަރު!"

ފޯނު ނަގައިގެން ކޮންޓެކްޓް ލިސްޓް ހާވަމުން އިފާގެ މަންމަ ޖަވާބު ދިނެވެ. ޝައިބާގެ ނަންބަރު ފެނުމުން ޝައިބާއަށް ގުޅަމުން އިފާގެ މަންމަ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން އިފާގެ ބައްޕަ ވެސް ގޮސް ވަނީ އެ ކޮޓަރިއަށެވެ.

"ހެލޯ! "

ފޯނު ރިންގް ވުމުން ޝައިބާ ހެޑްބޯޑުމަތީ އޮތް ފޯނު ނަގައި ޖަވާބުދިނެވެ.

"ފަރުއީން އެބައުޅޭތަ ގޭގަ! ގުޅާގުޅާ ފޯނު ނުނަގައިގެން.... އަޅެ ޝައި ގޮސް ބަލާލަބަލަ ފަރު ކޮޓަރީގަ އުޅޭތޯ!'

ފަރުއީންއަށް ދެތިން ފަހަރަކު ވެސް ގުޅުމުން ފޯނަށް ޖަވާބު ނުދީގެން އަޔާޒު ހުރީ ކަންބޮޑުވެފައެވެ. ޝައިބާ ގޮސް އަޔާޒުގެ ކޮޓަރި ހުޅުވައި ބަލައިލިއެވެ.

ފަރުއީންއަށް އޮތީ ނިދިފައެވެ. އަޔާޒުއަށް ޖަވާބު ދިނުމަށްފަހު ޝައިބާ ފޯނު ބޭއްވިތަނާ އަނެއްކާވެސް ފޯނު ރިންގް ވާއަޑު އިވިއްޖެއެވެ. ތިއްތިބެ ކަމަށް ހީކޮށް ޗޮކެއް ކަނޑާލަމުން ޝައިބާ ފޯނުނަގައި ބަލައިލިއެވެ. ނުދަންނަ ނަންބަރެކެވެ. އެކަމަކުވެސް ޖަވާބު ދޭން ޝައިބާ ބޭނުންވާތީ ހަލޯއޭ ގޮވައިލިއެވެ. ޝައިބާއަށް އިވުނީ އަންހެނެއްގެ އަޑެވެ. އަޑުގައި ދަންނަ ވައްތަރެއް ވެސް ޖަހައެވެ.

"ކޮންބޭފުޅެއްތޯ!" އެ ކޮޅުން އެހީ ޝައިބާ އުންމީދުކުރި ވާހަކައެއް ނޫނެވެ.

"ކޮންބޭފުޅަކަށްތޯ ތި ގުޅުއްވަނީ!"

އަހާލާއިރަށް ނަން ބުނާކަށް ޝައިބާ ބޭނުމެއް ނެތެވެ. އެހެންނަމަވެސް ވާހަކަ ދެއްކީ ރީތިކޮށެވެ.

"ޝައިބާއާ ވާހަކަ ދައްކާލެވިދާނެތޯ!"

ދެތިން ނޭވާ ލުމަށްފަހު އެކޮޅުން ޖަވާބު އައެވެ.

"ވާހަކަ ދައްކަނީ ޝައިބާ!"

ގުޅިފައި މިހިރީ ގުޅަން ބޭނުންވި މީހާއާކަން އެނގުމުން އިފާގެ މަންމަ ވަރަށް ރީތިކޮށް އިފާގެ ހާލަތު ޝައިބާއަށް ކިޔައިދިނެވެ.

"އެއްވެސް ކަމެއް ދިމާވި ވާހަކައެއް އިފާ ނުބުނޭ! އަޅުގަނޑަށް އެނގޭކަމަކީ އިފާ ދެރަވާކަހަލަ އަދި ކަންބޮޑުވާން ޖެހޭ ކަހަލަ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން އަދި އަޅުގަނޑުގެ ފިރިމީހާގެ ފަރާތުން ވެސް އިފާއަށް ދިމާ ނުވާކަން!... ވަރަށް ހަމަ ޖެހިގެން އުފަލުން އުޅެ އުޅެ ހުރީ!"

ބައެއް ވާހަކަ ތަކަކީ ދައްކަން ބޭނުންވިޔަސް އަދި ހާމަ ކުރަން ބޭނުންވިޔަސް ފޮރުވަން ޖެހޭ ވާހަކަ ތަކެވެ. އެއީ އެ ވާހަކަތައް ދައްކައިގެން ނިކުންނާނެ ނަތީޖާއަކަށް ބަލާފައެވެ.

ޝައިބާއާ ދެކެވުނު ވާހަކަތަކުން ބޭނުންވާ އެއްވެސް ކަހަލަ އަލި މަގެއް ނުފެނުމުން ދެމަފިރިންނަށް ގޮތް ހުސްވިއެވެ. ދެން ކަންތައް ކުރަންވީ ގޮތަކާ މެދު މަޝްވަރާކުރުމަށްފަހު އިފާގެ ބައްޕަ ގުޅީ އަރީޝްއަށެވެ. އިފާގެ ބައްޕަ އަހަން އެންމެ ބޮޑަށް ބޭނުންވި ވާހަކަ ކޮންމެ ފަހަރަކު ވެސް އަންނަނީ ދުލު ކުރިއާ ހަމަ އަށެވެ. އެއަށް ވުރެ ބޭރެއް ނުވެއެވެ. އެންމެ ފަހުން ފޯނު ބާއްވާނީ އޭ ހިތާ ފޯނުގެ ސްކުރީނަށް ދެތިން ފަހަރަކު ބަލައިވެސް ލެވުނެވެ. އެހެންނަމަވެސް ދެން ދެއްކުނީ އެންމެ ނުދައްކަންވީ ވާހަކައެވެ.

"އަރީޝް، ބައްޕައަށް ހީވަނީ މިއީ ތި ދެކުދިން ކައިވެނި ކުރަންވީ ވަގުތުހެން! އިފާވެސް މިހާރު އެހެރީ ކައިވެނި ކުރާ އުމުރަށް ގޮސް! ބައްޕަ ނިންމައިގެން ހުރީ އިފާ ނިމިގެން އައިމަ ކައިވެނީގެ ކަންތައް ނިންމަން. އެކަމަކު މިހާރު ދުނިޔޭގެ ހާލަތު އޮތްގޮތުން ހިއެއް ނުވޭ އަވަހަކަށް ބޯޑަރު ވެސް ހުޅުވާލާނެ ހެންނެއް! ކީކޭ ދަރިފުޅު ބުނަނީ!"

އިފާގެ ކައިވެނީގެ ވާހަކަ އިސްވެ ދެއްކީ އިފާގެ ބައްޕައެވެ. އަރީޝްއަށް ޖަވާބުދޭން އަދި ވިސްނާލަން ވަގުތު ދިނުމަށްފަހު އިފާގެ ބައްޕަ ފޯނު ބޭއްވީއެވެ.

އަރީޝް ވިސްނައިލިއެވެ. އިފާ އާއި އަރީޝްއާ ދެމެދު ކައިވެއްޏެއް ކުރެވޭވަރުގެ ގުޅުމެއް އެބަ އޮތްހެއްޔެވެ! އެދެމީހުންގެ ދެމެދު ދުވަހަކު ވެސް ލޯބީގެ ޢަމަލެއް ކިއްކުރަން ލޯބީގެ އެންމެ ލަފުޒެއް ވެސް ބޭނުން ކުރެވިފައެއް ނެތެވެ. ދެމީހުން އެކަކު އަނެކަކާ ބައްދަލުކުރެއެވެ. ޗުއްޓިހޭދަކުރަން އެކަކު ހުންނަ ތަނަށް އަނެކަކު ދެއެވެ. ދެމީހުން އެއްކޮށް ސިނަމާތަކަށް ދެއެވެ. ރެސްޓޯރެންޓަތަކަށާ ދުއްވާލުން ތަކަށް ދެއެވެ. އެކަމަކު އެދެމީހުން އުޅުނީ ލޯބިވެރިންހެއްޔެވެ! އެއްވެސް އިރެއްގައި ލޯބިވެރިން އުޅޭހެން އެކަކު އަނެކަކު މިސްވެގެން ނުނިދިގެން ހަނދާން ވެގެން އެމީހުންނެއް ނޫޅެއެވެ. އަމުދުން އިފާ ޝައިބާގެ ރަށަށް ޗުއްޓީއަށް އެ ދިޔަ ދިއުމަށްފަހު އެދެމީހުންގެ ދެމެދު ކުރެވެމުން އައި މަދު ފޯނުކޯލު ވެސް ވަނީ ކުރިއަށް ވުރެން ވެސް މަދު ވެފައެވެ.

ދުވަހަކު ވެސް އިސްވެ އިފާ އަރީޝްއަކަށް ނުގުޅައެވެ. ހަފުތާއެއް ވަރުކޮށްފަ އަރީޝް ގުޅިޔަސް އިފާ އެކޯލަށް ޖަވާބު ނުދޭފަހަރު ދިން ފަހަރަށް ވުރެ މާގިނައެވެ. އަރީޝްގެ ކޯލަކަށް އިފާ ޖަވާބުދިނަސް އަބަދުވެސް އޮންނަނީ ފޯނު ބޭއްވުން ލަސްވެފައެވެ.

އަރީޝް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެންމެ ފަހުންވެސް އިފާއާ ވާހަކަ ދެއްކުނީ މީގެ ދޮޅުމަހެއްހާ ދުވަސް ކުރިންނެވެ. މިހާ ގުޅުމެއް ނެތް ބަޔަކު ކައިވެނި ކުރާނީ ކިހިނެއްހެއްޔެވެ! މި އުޅެނީ ދެމީހެއް އެކުގައި މުޅި ދިރިއުޅުން އުޅުމުގެ އެއްބަސްވުމަކަށް ދާންވިއްޔާއެވެ. އަރީޝްގެ ވިސްނުމަށް އައި އެންމެ ރަނގަޅު ގޮތަކީ އިފާއާ އެ ވާހަކަ ދެއްކުމެވެ.

ދެތިން ފަހަރަކު ގުޅުމުން ވެސް އިފާ ފޯނު ނުނެގުމުން އަރީޝް ކުރީ މެސެޖެކެވެ. އެ މެސެޖުގައި އިފާގެ ބައްޕަގެ ހުށަހެޅުން ލިޔުނެވެ. އަދި އިފާ ބުނަނީ ކީކޭތޯއާ އިފާ އެދޭ ގޮތަކީ ކޮބައިތޯ އަރީޝް އެއްސެވެ. ޖަވާބު ވީ އެންމެ އަވަހަކަށް ދިނުމަށް ވެސް އެދިފައި އޮތެވެ.

އަރީޝް ފޮނުވި މެސެޖު އިފާ ކިޔައިލީ ފަހުދުވަހު ފަތިސް ނަމާދުކޮށްލައިގެން އެނދުގައި އޮށޯވެއެވެ. އަރީޝްގެ މެސެޖު ކިޔަމުން ދިޔަ ވަރަކަށް އިފާގެ ހިތުގައި އެދެމީހުން އެކުގައި ހޭދަ ކުރެވުނު ވަރަށް ގިނަ ވަގުތުތައް އާވެ އާލާވަމުން ދިޔައެވެ. ބައެއް ވަގުތު ތަކުގެ ހަނދާންތައް އާ ކުރުމަށް ސިކުނޑިއަށް ބާރުލާން ވެސް ޖެހުނެވެ. އެހެންނަމަވެސް އަރީޝްއާ އެކު ހޭދަ ކުރެވުނު އެތައް ހަނދާންތަކެއްގެ މައްޗަށް ކޮންމެ ފަހަރަކުވެސް ވެރިވެގަންނަނީ އަޔާޒުއާ އެކު ހޭދަ ކުރެވުނު މަދު ވަގުތުކޮޅުތަކެވެ. ފުރަތަމަ އިފާ އެ ރަށަށް ދިޔަ ދުވަހެވެ. އެ ދުވަހު އަޔާޒުގެ ފަރާތުން ފެނުނު މަޖާ ޙަރަކާތްތަކާ ދެކެވުނު ސަމާސާ މަދު ވާހަކަ ކޮޅެވެ. ދެމީހުން ގާތްގަތުގައި އިށީނދެ ތިބެވުނު އެ ލޯންޗް ދަތުރެވެ. ހޮޑުލާން ޖެހުނު އެ ވަގުތުތަކުގައި އަޔާޒުގެ ޙިމާޔަތާ އަތުގެހޫނުކަން ލިބުނު އެ ކުރު ދަތުރު އިފާގެ ހިތުން ފޮހެވިގެންދާނީ ކިހިނެއްހެއްޔެވެ! އެއީ މިހާތަނަށް އިފާގެ ހާޔާތުގައި ރަސްކަންކުރި އެންމެ ރީތި ހިނދުކޮޅުތަކެވެ. އުނދޯލިން ވެއްޓުނު ދުވަހު ފައިގާ ބޭސް އުނގުޅައިދިން އޯގާތެރި ގޮތާ އުރާލައިގެން ކޮޓަރިއަށް ގެންގޮސް އެނދުގައި ބާއްވައިލަ ދިން ރީތި މަންޒަރެވެ. ސައިކަލު ބުރުޖަހަން ދިޔަރޭ ކަންކަންމަތީ ބިއްޖެހިފަ ތިބޭ ފާޑުގެ ދެތިން ޒުވާނުންގެ ފަރާތުން އިފާ ސަލާމަތް ކޮށްދިން ކޮށްދިނުން ވެސް އިފާ އަކަށް ހަނދާން ނައްތައެއް ނުލެވުނެވެ. އެހެރަ ގޮތްދޫނުކުރުމާ ގޮތުގައި ހިފައްޓައިގެން އިފާ އަކީ ކޮންމެހެން އަޔާޒަށް މާމުހިންމު މީހެއް ނޫންކަން އަންގައިދޭން އެކުރި މަސައްކަތުން އަޔާޒުދެކެ ވީފޫއްސެއް ނޫނެވެ. އިތުރަށް އެ ހިތުގައި އަޔާޒުގެ ނަން ފެވި އަޔާޒަށް ދެވުނު ޤަދަރު މަތިވެގެން ދިޔަކަމަކަށެވެ.

އަޔާޒުގެ އެކި އެކި ހަނދާންތައް އާވެގެން އައި ހިނދު އަޔާޒަށްޓަކައި އަޔާޒާ ނޭނގި ކޮށްދެވުނު އެކި އެކި ކަންތައްތަކުގެ މަތިން ވެސް އިފާ ހަނދާން އާ ވެގެން އައެވެ.

މަޑުމަޑުން އެނދުންތެދުވެ އެނދުގައި އިށީނީ ހެޑްބޯޑުގައި ބާލީސް ލައްކޮށްލައިގެން ލެނގިލަމުންނެވެ. އަދި އެގޮތަށް އިނދެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. އިފާއަށް ނޭނގިނަމަވެސް ދެލޯ ފުރިގެން ދެކޯތާފަތްމަތިން ފޭބި ކަރުނަފޮދު އޭގެ މިނިވަން ކަމާއެކު ދޫކޮށްލެވުނީއެވެ.

އަމިއްލާ ޙާލާމެދު ވިސްނަން އިރުކޮޅެއް ހޭދަ ކުރުމަށްފަހު ފޯނުނަގއި ހުޅުވައިލިއިރު އެމޫނުމަތީގައި ހުރީ ގޮތް ދޫނުކުރުމުގެ ކުލަވަރެކެވެ. ދެ ލޮލުގެ ވިދުން ހެކި ދެނީ އިފާ ކަމެއް ގޮތަކަށް ނިންމައިފިކަމުގެ ކުލަވަރެވެ. ދެ ބުމަ ގޮށްޖަހާލަމުން ފޯނުން ޝައިބާގެ ނަންބަރު ހޯދުމަށްފަހު ގުޅައިލިއެވެ.